ޙަބަރު

މާފުއްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖުގެ އަމަލީ މަސައްކަތް ފަށައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
މާފުއްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖުގެ އަމަލީ މަސައްކަތް ފަށައިފި

ކ.މާފުއްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުގެ އިތުރުން، އެމްޓީސީސީގެ ޑެޕުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގަނެފައިވެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގާ އެއް ރަށްކަމުގައިވާ މާފުށީ ރައްޔިތުންނަށް މި ބުރިޖުގެ މަސައްކަތް ފުރިހަމަވުމާއެކު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި،  މުދާ އުފުލުމާއި ބޭލުމުގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާވެގެން ދާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓުރަކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ވަނީ ބުނެފައެވެ.

ހިއްކައިފައިވާ ސަރަހައްދުން ބޯހިޔާވެހިކަމާއ،ި ސިނާއީ، ބޭނުންތަކަށާއ،ި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރެވޭ އިރު، މިއެޅޭ ބުރިޖާއިއެކު ރަށުގެ އުމުރާނީ ތަރައްގީ އާއި އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެ، މިހާރަށްވުރެވެސް ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރައިގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން މާފުއްޓާއި އެރަށުގައި ހިއްކި ސަރަހައްދު ގުޅާލުމަށް ހަމަޖެހިފައިވަނީ 137 މީޓަރުގެ ބްރިޖަކުންނެވެ. އަދި މި މަޝްރޫއުގެ އަގަކީ، 35.42 މިލިއަން ރުފިޔާއެވެ. މި މަސައްކަތް އެމްޓީސީސީން އެއް އަހަރުތެރޭގައި ނިއްމުމަށް ވަނީ ހަމަޖެހިފައެވެ.

ޝެއާ

ކޮމެންޓު