ޙަބަރު

ދަރަނބޫދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދޭން އެދިއްޖެ

އަހުސަން

1 މިނިޓު
ދަރަނބޫދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދޭން އެދިއްޖެ

ފ. ދަރަނބޫދޫގެ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަލްޓި ޕާޕަސް ހޯލަކާއި އިތުރު ކްލާސްރޫމްތައް ތަރައްގީކޮށްދިނުމަށް އެ ރަށު ކައުންސިލުން މިއަދު އެދިއްޖެ އެވެ.

ކައުންސިލުން މިގޮތަށް އެދުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،  ދަރަނބޫދޫގެ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އެބޭފުޅުން ވަނީ، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކޮށްފަ އެވެ. އެގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި މަލްޓިޕާޕަސްހޯލަކާއި އަދި އިތުރު ކުލާސް ރޫމް ބޭނުންވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ފުޓްބޯޅަ ކުޅޭނެ ދަނޑަކާއެކު ޓްރެކެއް ހަދައިދިނުމަށްވެސް އެދިފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ޝެއާ

ކޮމެންޓު