ޙަބަރު

އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންސާފުވެރި އިންތިހާބަކަށް ފުރުސަަތު ބޮޑު: ރައީސް

އަޒީޒާ އަފީފް

1 މިނިޓު
މީހަކު ވޯޓު ކަރުދާސް ފޮއްޓަށްލަނީ—ފޮޓޯ: އީސީ
މީހަކު ވޯޓު ކަރުދާސް ފޮއްޓަށްލަނީ—ފޮޓޯ: އީސީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، މިހާރަށްވުރެ މިނިވަން އަދި އިންސާފުވެރި މަޖިލިސް އިންތިހާބަކަށް ފުރުސަތު ފަހިވާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ ގިނަ ރައްޔިތުން ތާއީދުކުރާނެ ހެޔޮ ބަދަލެއް ކަމަށެވެ. މިހާރު އޮންނަ ނިޒާމުގައި ރައީސަކު އިންތިހާބުވާތާ ހަ މަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާތީ، ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު ކެންޑިޑޭޓު މިގޮތަށް ވަކާލާތުކޮށް، ސަރުކާރު ނުވަތަ ވެރިކަންކުރާ ޕާޓީގެ ހިޔަލުގައި ނިވަލުގައި އެގޮތަށް ގޮސްގެން ކެމްޕެއިންކޮށްގެން ވޯޓު ހޯދަނީ. އެކަމެއް ނެތި ވޯޓުނެގުމުން ވަރަަށް އީވެންލީ ޑިސްޓްރިބިއުޓެޑް ގޮތެއްގައި މަޖިލީހަށް މީހުން ހޮވެނީ. ސުޕަ މެޖޯރިޓީ ނުވަތަ ވަކި ޕާޓީއަކަށް ބުރަވާ ގޮތަކަށް ނޫނޭ. އޭގެ ނަތީޖާއަކަށްވާނީ ސަރުކާރު ޖަވާބުދާރީކުރެވޭ މަޖިލީހެއް ހޮވޭނީ،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ވެރިކަމަށް އަންނަނީ ކޮން ޕާޓީއެއްކަން ނޭނގޭނެތީ، ވަކި ކެންޑިޑޭޓަކީ “ސަރުކާރުގެ ކެންޑިޑޭޓު” ކަމަށް ބުނެ ކެމްޕެއިން ކުރުމުގެ ފުރުސަތު ގެއްލި، އިންތިހާބުގެ އަދަލުވެރިކަން އިތުރުވާނެ ކަމަށެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ބަޔަކު ވޯޓުލާ އިންތިހާބަށް ވުމުން، ދެ އިންތިހާބު އެއްކޮށްލުމުން މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުންގެ ނިސްބަތް ވެސް މަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިހާބުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕީއެންސީއަށް ލިބޭނެ ގޮނޑީގެ އަދަދު ސީދާ ވިދާޅުވާން ބޭނުންފުޅު ނުވި ނަމަވެސް، ރާއްޖޭގެ ގިނަ ރަށްރަށުން އެ ޕާޓީގެ ކެންޑިޑޭޓުން ހޮވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މެންބަރުން މަޖިލީހަށާއި ކައުންސިލްތަކަށް ހޮވުމަކީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު. ވޯޓު ދެއްވާއިރު ރައްޔިތުން އެކަމަށް ރިއާޔަތް ކުރާނެ ކަމަށް ގަބޫލުކުރަން،“ ރައީސް ވިދާޅުވިއެވެ.

މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީއެވެ. އެ ޕާޓީން އަންނަނީ މުޅި ރާއްޖޭގައި ވަރަށް ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

ޝެއާ

ކޮމެންޓު