ޙަބަރު

އަސާސީ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަނީ

hiriyaa.mv

1 މިނިޓު
އަސާސީ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަނީ

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ކޮށްފާނެ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދެނެގަތުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދިރާސާ ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މަގުތަކަށް ދަތިތަކެއް ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި، މުދާ ގެނެވޭނެ އެހެނިހެން ބާޒާރުތައް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ އެންމެ އިސް އަމާޒަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން ދަމަހައްޓައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޝެއާ

ކޮމެންޓު