ޙަބަރު

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އަޒީޒާ އަފީފް

1 މިނިޓު
މީހަކު ވޯޓު ކަރުދާސް ފޮއްޓަށްލަނީ—ފޮޓޯ: އީސީ
މީހަކު ވޯޓު ކަރުދާސް ފޮއްޓަށްލަނީ—ފޮޓޯ: އީސީ

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން (އީސީ) ޢާންމުކޮށްފި އެވެ.

މި ރަޖިސްޓަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 2026 މާރިޗު 3 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2026 މާރިޗު 4 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ތިމާ ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ޗެކްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން VR (Space) NID ޖެއްސެވުމަށް ފަހު 1414 އަށް އެސް.އެމް.އެސް ފޮނުވުމުން ނުވަތަ ކޮމިޝަނުގެ ރަޖިސްޓަރޭޝަން ޕޯޓަލް pprvr.elections.gov.mv މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުތަކާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުގެ ހޮޓްލައިން ނަންބަރު 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން އިރުޝާދު ދެއްވައެވެ.

ޝެއާ

ކޮމެންޓު