ޙަބަރު

އެސްޑީއެފްސީން އަންހެނުންނަށް ދޫކުރާ އައު ލޯނަށް އެދުމަށް ހުޅުވާލައިފި

މަރިޔަމް ލީން

1 މިނިޓު
އެސްޑީއެފްސީން އަންހެނުންނަށް ދޫކުރާ އައު ލޯނަށް އެދުމަށް ހުޅުވާލައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުންގެ ވިޔަފާރި ދާއިރާ ކުރިއެރުވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފައިނޭންސިން ސްކީމްގެ މައިގަނޑު މަގުސަދަކީ އަންހެނުން ވިޔަފާރީގެ މައިދާނަށް ނުކުތުމަށް ހިތްވަރުދީ، ވިޔަފާރިވެރި އަންހެނުންނަށް ލުއިފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި، އަންހެނުން އިގްތިސާދީގޮތުން ބާރުވެރިކުރުވައި، މާލީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތަކުގެ ކުރިއެރުން ކަށަވަރުކުރުމަށް މަގުފަހިކުރުމެވެ. މި ސްކީމުގެ ދަށުން ވިޔަފާރި މުޅިން އަލަށް ފެށުމަށް އަދި މިހާރުވެސް ހިނގަމުންދާ ފަރާތްތަކަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށް އެސްޑީއެފްސީއިން ފައިނޭންސިންގ ފޯރުކޮށްދޭނެއެވެ.

މި އައު ސްކީމްގެ ދަށުން، ޝަރީއާ އުސޫލުތަކުގެ ތެރެއިން 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެއެވެ. ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގ ފެސިލިޓީ ގެ ފައިދާ ރޭޓަކީ އަހަރަކު %9.5 އެވެ. ލޯނު ސްކީމްގެ ސަބަބުން، އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެއެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމާއި ގުޅިގެން އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ގާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއްކަމަށެވެ. މި ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެކަމަށް އޭނަ ވިދާޅުވި އެބެ.

“އެޕްލިކޭޝަން ބަލައިގަތުން ފެށުމާއެކު، ގިނަ އަންހެން ފަރާތްތަކަށް މި ހާއްސަ ފުރުސަތުގެ ބޭނުން ހިފުމުގެ މަގު ތަނަވަސްވެގެންދާނެ، އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ.” ބަދުރުއްދީން ވިދާޅުވި އެވެ.

މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.

އަލަށް މި ހުޅުވާލި ސްކީމްގެ އިތުރުން، އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ފަށާފައިވާ “ފަށާ މަދަދު ލޯނު” ސްކީމުގެ ދަށުން ފައިނޭންސިންގ ދޫކުރަމުންނެވެ.

ޝެއާ

ކޮމެންޓު