ޙަބަރު

އަންނަ އަހަރުންފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑް ދެނީ

އަހުސަން

1 މިނިޓު
އަންނަ އަހަރުންފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑް ދެނީ

ރާއްޖޭގެ އިންޖިނޭރުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ފައްޓަވާފައިވަނީ، ޚިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްޙަބާއާއި ޝުކުރު ދަންނަވަމުންނެވެ
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ. 2040 ވަނަ އަހަރަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ އަމާޒަށް ވާޞިލުވުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ޢިލްމާއި، ތަޖްރިބާއާއި، އެހީތެރިކަމަށް މި ޤައުމު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ

ޝެއާ

ކޮމެންޓު