ޙަބަރު

ހުރާގައި ގެސްޓުހައުސް އެޅުމަށް 25 ބިން ކުއްޔައް ދޫކުރަނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ
ހުރާގައި ގެސްޓުހައުސް އެޅުމަށް 25 ބިން ކުއްޔައް ދޫކުރަނީ

ކ.ހުރާގައި ގެސްޓުހައުސް އެޅުމަށް ޖުމްލަ 25 ބިން ކުއްޔައް ދޫކުރަން ނިއްމާފައިވާ ކަމަށް ހުރާގެ ކައުންސިލް އިދާރާއިން އިއުލާންކޮށްފިއެވެ.

ހުރާގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އަލަށް ހިއްކާފައިވާ ސަރަހައްދުން 25 ބިން، ގެސްޓްހައުސް އެޅުމަށް 50 އަހަރަށް ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިއްމާފައިވާކަމަށް ވަނީ އިއުލާންކޮށްފައެވެ. މީގެތެރެއިން 8 ބިން ދޫކުރަނީ ހުރާގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ. އެގޮތުން އެ ބިންތަކުގެ ފޯމެއްގެ އަގަކީ10 ހާސް ރުފިޔާ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. އަދި ބާކީ ހުރި ބިންތައް ހޯދުމަށް ކޮންމެ މީހަކަށް  ވެސް ލެވިދާނެކަމަށާއި، މި ބިންތަކުގެ ފޯމުގެ އަގަކީ25 ހާސް ރުފިޔާކަން އެރަށު ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން، 25 ހާސް ރުފިޔާއަށް ދޭ 17 ބިން ގަތުމަށް އެދޭ ފޯމްތައް ބަލައިގަތުން އަދި ބިޑް ފޯމްތައް ދޫކުރުން މި މަހުގެ12 ވަނަ ދުވަހުގެ މެންދުރު12:30ގެ ނިޔަލަށް އެކައުންސިލްގެ ރިސެޕްޝަނަށް އަދި މެއިލުން ލިބެންހުންނާނެއެވެ. އަދި މި ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު12:15 ގައި އޮންނާނެކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

މިއާއެކު، 10 ހާހަށް ދޫކުރާ 8 ބިން ގަތުމަށް އެދޭފޯމްތައް މި މަހުގެ11 ވަނަ ދުވަހުގެ12:30 ގެ ނިޔަލަށް އެކައުންސިލް އިދާރާގެ ރިސެޕްޝަނުން އަދި އީމެއިލުން ލިބެންހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު10 ޖަހާއިރު އޮންނާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ހުރާ ކައުންސިލުން އިތުރަށް ބުނިގޮތުގައި ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ބިމަކަށް 1 ބީލަމެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާނަމަ ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓަރްނީ) އަކާއި ބީލަން ހުށަހަޅާ ފަރާތާއި ބަދަލުގައި ފޮނުއްވާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށަހަޅަން ވާނެކަމަށް އެކައުންސިލުން ވަނީ ބުނެފައިވެއެވެ. އަދި ބައްދަލުވުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝެއާ

ކޮމެންޓު