ޙަބަރު

ކުދި ޖާގަތަކުގައި ދިރިއުޅޭ މާލޭގެ އާއިލާތައް ދެނެގަނެ، ބޯހިޔާވަހިކަން ފޯރުކޮށްދެނީ

އަޒީޒާ އަފީފް

1 މިނިޓު
މިނިސްޓަރު މުއްތަލިބު — ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު މުއްތަލިބު — ފޮޓޯ: ރައީސް އޮފީސް

މާލޭގެ ކުދިކުދި ޖާގަތަކުގައި އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ހާލަތްތަކުގައި ދިރިއުޅެމުންދާ އާއިލާތައް ދެނެގަނެ، އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފައްޓަވައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އެަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި ގެތަކަށް ޒިޔާރަތްކުރައްވައި ބައްލަވާއިރު، މާލެއަށް ނިސްބަތްވާ ބައެއް އާއިލާތަކަށް ތަފާތު ސަބަބުތަކާ ހެދި ގެދޮރު ނުހެދި، ބިމުގެ ދަތިކަމުގެ ސަބަބުން ގޯތި ބައިބައިކޮށްގެން އިންތިހާއަށް ދަތި ހާލުގައި ދިރިއުޅެން ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އާއިލާތަކަކީ މާލޭގައި ޒަމާނުއްސުރެ އޮތް ބިމުގެ ދަތިކަމާ ހެދި އިތުރު ހައްލެއް ނުލިބިފައިވާ އާއިލާތައް ކަމަށާއި، އެ މީހުންނަށް ސަރުކާރުން ކުރިއަށް ގެންދާ އާންމު ޕްރޮގްރާމްތަކުގެ ތެރެއިން ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ ބައެއް ގޭގޭގެ ހާލަތު ސިފަކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަކަށް އެކަނި ވަދެވޭ ވަރުގެ ހަނި ގޯޅިތަކާއި، އަރިއަކަށް ހުރެގެން ނޫނީ ނުވަދެވޭ ފަދަ ތަންތަން ފެނިފައިވާ ކަމަށެވެ. އަދި އެއްވެސް ކަހަލަ ވައި ދައުރުވުމެއް (ވެންޓިލޭޝަނެއް) ނެތް، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ދަތި ހާލަތްތަކުގައި ގިނަ އާއިލާތަކެއް ދިރިއުޅެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“އެކަކަށް ވަދެވޭ ވަރުގެ ހަނި ގޯޅިތައް ވެސް އެބަހުރި، އެކަކަށް އަރިއަކަށް ހުރެގެން ވަންނަން ޖެހޭ ފަދަ ގޯޅިތައް ވެސް އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި، އެއްވެސް ކަހަލަ ވެންޓިލޭޝަނެއް ނެތް، އިންސާނުންނަށް އެކަށީގެންނުވާ ފަދަ، ދިރުނޫޅެވޭ ތަންތަން ވެސް އެބަހުރި،” މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވަކި އުސޫލެއްގެ ދަށުން ކުރިމަތިލާން (އެޕްލައި ކުރަން) ފުރުސަތު ހުޅުވާލުމުގެ ބަދަލުގައި، މިފަދަ ހާލަތްތަކުގައި ތިބި އާއިލާތައް ސީދާ ދެނެގަނެ، އެ މީހުންގެ މައުލޫމާތުތައް ރަނގަޅަށް ޑޮކިއުމެންޓް ކުރުން ކަމަށެވެ. އަދި މިގޮތަށް ފާހަގަކުރެވޭ ނިކަމެތި އާއިލާތައް މިހާރު ތިބި ހާލަތުން ނެރެދީ، އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މާނައަކީ ވަކި އުސޫލެއް ހަދައިގެން އެޕްލައި ކުރުމުގެ ބަދަލުގައި އެފަދަ ތަންތަން ފާހަގަކޮށް، އެފަދަ ގޮތަކަށް ނިކަމެތިކޮށް ތިބި އާއިލާތައް ޑޮކިއުމެންޓް ކުރެވިގެން، އެ އާއިލާތަށް ތިބި ހާލަތުން ނެރުން،” މުއްތަލިބު ވިދާޅުވިއެވެ.

ކުދި ޖާގަތަކުގައި ތޮއްޖެހިގެން ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނީ އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްދީގެން ކަމަށެވެ. އެހެންކަމުން، މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ ރަށްވެހިންގެ ތެރެއިން ކުދި ބިންކޮޅުތައް ލިބިފައިވާ މީހުންނަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތަކުން ފުރުސަތު ނުލިބޭތީ އޮތް ކަންބޮޑުވުންތަކަށް މި އާ ސިޔާސަތުގެ ދަށުން ހައްލެއް ލިބިގެންދާނެއެވެ.

ޝެއާ

ކޮމެންޓު