ޙަބަރު

ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

އަޒީޒާ އަފީފް

1 މިނިޓު
ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އެންމެ 23 ދުވަހުން ނިންމާލައިފިއެވެ.

ތަރައްގީއަށްޓަކައި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން ވޭމަންޑޫގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވޭމަންޑޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައިވެއެވެ. އެ މަޝްރޫއުގެ ދަށުން 27 ހެކްޓަރުގެ ބިން މިވަނީ ހިއްކާ ނިންމާފައެވެ.

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެއެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން އެ ރަށުން 27 ހެކްޓަރުގެ ބިން ހިއްކުމަށް 882،693 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ.

ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިތުރުން، ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި، ފެންހިންދާ ނިޒާމު ޤާއިމުކުރެވޭނެއެވެ.

މީގެ އިތުރުން، ވޭމަންޑޫގެ ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރުކުރަމުންދާ އެއް މަޝްރޫޢު ކަމުގައިވާ ވޭމަންޑޫ އާއި ކިނބިދޫއާ ދޭތެރޭ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރިއަށް ގެންދާނެއެވެ. މި ކޯޒްވޭ އެޅުމުގެ ސަބަބުން ދެ ރަށުގެ ދެމެދުގައި ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުތަކަކީ ވޭމަންޑޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ރަށުގެ އުމްރާނީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި މަސައްކަތްތަކެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ތ. އަތޮޅުގެ މަރުކަޒީ ރަށެއްގެ ގޮތުގައި ވޭމަންޑޫ އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ޝެއާ

ކޮމެންޓު