ޙަބަރު

ބާނި ސާވޭ: 62% މީހުން ރައީސްގެ މަސައްކަތަށް ތާއީދުކުރޭ

މަރިޔަމް ލީން

1 މިނިޓު
ބާނި ސާވޭ: 62% މީހުން ރައީސްގެ މަސައްކަތަށް ތާއީދުކުރޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތަށް، 62 އިންސައްތަ ރައްޔިތުން ތާއީދުކުރާކަމަށް ބާނި ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ދައްކައިފި އެވެ.

ބާނި ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީއަކީ މަދަނީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ކުރި ސާވޭގައި އަހާފައިވަނީ، ޖުމްލަ ގޮތެއްގައި ބަލާއިރު ރައީސް މުއިއްޒުގެ ރައީސްކަމުގެ މަސައްކަތް ކުރައްވާގޮތާއި މެދު ހިތްހަމަޖެހެނީ ކިހާ މިންވަރަކަށްތޯކަމަށެވެ. މި ސާވޭކޮށްފައިވަނީ ރާއްޖޭގައި ވޯޓުލެވޭ މީހުންގެ މެދުގަ އެވެ.

ސާވޭގައި ބައިވެރިވި މީހުންގެ 62 އިންސައްތަ މީހުން ބުނީ އެމީހުން ރައީސްގެ މަސައްކަތަށް ‘ވަރަށް ބޮޑަށް ތާއީދުކުރާ’ ނުވަތަ ‘ތާއީދުކުރާ’ ކަމަށެވެ. އަދި 38 އިންސައްތަ މީހުން ބުނީ އެމީހުން ‘ވަރަށް ބޮޑަށް ނުރުހޭ’ ނުވަތަ ‘ނުރުހޭ’ ކަމަށެވެ. މި ނަތީޖާއިން ރައީސަށް ލިބިވަޑައިގަންނަވާ ޖުމްލަ ތާއީދުގެ ރޭޓިންގް ވަނީ 24 ޕްލަސް ޕޮއިންޓުގައި ހުރިކަން ދައްކައިފައެވެ.

ރައީސްއަށް ތާއީދުކުރާ ވޯޓަރުންގެ ތެރެއިން، 21 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން ރައީސްއަށް ‘ވަރަށް ބޮޑަށް ތާއީދުކުރާ’ ކަމަށެވެ. އަދި 41 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން ހަމައެކަނި ‘ތާއީދުކުރާ’ ކަމަށެވެ.

ސާވޭގައި ބައިވެރިވި 64 އިންސައްތަ އަންހެނުން ވަނީ ރައީސްގެ މަސައްކަަކަށް ތާއީދުކުރާކަމަށް ބުނެފަ އެވެ. އަދި 36 އިންސައްތަ އަންހެނުން ބުނަނީ ތާއީދު ނުކުރާކަމަށެވެ. ރައީސްގެ މަސައްކަތަކަށް 60 އިންސައްތަ ފިރިހެނުން ތާއީދުކުރާއިރު، 40 އިންސައްތަ ފިރިހެނުން ތާއީދެއް ނުކުރެ އެވެ.

ވަކިވަކި އުމުރުފުރާއަށް ބަލާއިރު ރައީސްއަށް އެންމެ ތައީދު ބޮޑީ 55 އަހަރުން މަތީގެ އުމުރުފުރާގެ މީހުންގެ އެެވެ. އެގޮތުން:

  • 55 އަހަރުން މަތީގެ މީހުން: 67 އިންސައްތަ ތާއީދު ކުރޭ، 33 އިންސައްތަ ތާއިދު ނުކުރޭ.
  • 35 އަަހަރާއި 54 އަހަރާއި ދެމެދުގެ މީހުން: 66 އިންސައްތަ ތާއީދުކުރޭ، 34 އިންސައްތަ ތާއީދު ނުކުރޭ.
  • 25 އަހަރާއު 34 އަހަރާއި ދެމެދުގެ މީހުން: 57 އިންސައްތަ މީހުން ތާއީދުކުރޭ، 43 އިންސައްތަ މީހުން ތާއީދު ނުކުރޭ.
  • 18 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުން: 50 އިންސައްތަ މީހުން ތާއީދު ނުކުރޭ، 50 އިންސައްތަ މީހުން ތާއީދު ނުކުރޭ.

މި ސާވޭ ކުރިޔަށްގެންގޮސްފައިވަނީ ފޯންކޯލް މެދުވެރިކޮށް، 391 މީހުންގެ މެދުގަ އެވެ.

ޝެއާ

ކޮމެންޓު