ޙަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި

އާމިނަތު ރޫޔާ

1 މިނިޓުއަޕްޑޭޓުކުރީ
ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ހާމަކުރިގޮތުގައި، މި ވޭޕް ކާޓްރިޖްތައް އަތުލާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ވޭލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އިންނެވެ.ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ އެންމެހައި ތަކެތި އެތެރެކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން މަނާކޮށްފައިވާތީ، ކަސްޓަމްސްއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މިފަދަ ތަކެތި އެތެރެކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ބޮޑެތި ޖޫރިމަނާތަކެއް ކުރަން ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ އެންމެހައި ތަކެތި އެތެރެކުރުމާއި، ގެންގުޅުމާއި، އަދި ވިޔަފާރިކުރުން މަނާކޮށްފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވޭޕް ކުރާ ތަކެތި އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި މި ނިންމެވުމަކީ، ހާއްސަކޮށް ސްކޫލް ކުދިންނާއި ޒުވާނުންގެ މެދުގައި ވޭޕްގެ ވަބާ އިތުރުވަމުންދާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި މަސްތުވާތަކެތީގެ މާއްދާތައް ވޭޕް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ.ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ރާއްޖޭގެ ސިއްހީ ޖަމްއިއްޔާތަކުން މަރުހަބާ ކީ މި ގާނޫނުގެ ދަށުން، ވޭޕް އެތެރެކުރާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކުގެ އިތުރުން ބޭނުންކުރާ މީހުންނަށްވެސް ބޮޑެތި ފައިސާގެ ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. އަދި މި ނިންމުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް ވޭޕް އެތެރެކުރުން މަނާވެފައިވާއިރު، ކަސްޓަމްސް އާއި ފުލުހުން ދަނީ ވަގަށް ވޭޕް އެތެރެކުރުމާއި ސިއްރުން ވިއްކުން ހުއްޓުވުމަށް ހަރުކަށި އޮޕަރޭޝަންތައް ހިންގަމުންނެވެ.

ޝެއާ

ކޮމެންޓު