ޙަބަރު

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޒިންމާދާރު ކަމެއް ނެތް: ރައީސް މުއިއްޒު

އާމިނަތު ރޫޔާ

1 މިނިޓު
އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޒިންމާދާރު ކަމެއް ނެތް: ރައީސް މުއިއްޒު

އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ޒިންމާދާރުކަމެއް ނެތް ކަމަށާއި، ގައުމީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި އިޚްލާސްތެރިކަމެއް ނެތް އަމަލުތައް ފެންނަމުންދާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަމަޖެހުން އޮންނަ ޑިމޮކްރެޓިކް ގައުމުތަކުގައި ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ފަރާތްތަކުން ވެސް ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، އެއްގަލަކަށް އަރާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހަގީގީ ޒިންމާދާރުކަމެއް އިސްކުރާނަމަ، އަމަލުތައް ބަހައްޓަންޖެހޭނީ އެގޮތަށް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

“އެއްގޮތަކަށް ވެސް ޒިންމާދާރު ކަމެއް ނެތް. އެއްގޮތަކަށް ވެސް ގައުމު އިސްނުކުރޭ. އެއްގޮތަކަށް ވެސް އިޙުލާސްތެރިކަމެއް ވެސް ނުހުރޭ.”

އެހެންކަމުން، އިދިކޮޅު ސިޔާސީ ފަރާތްތަކުން އަމަލުތައް ބަހައްޓަމުންދާ ގޮތް އަމިއްލައަށް ދެނެގަނެ، އެ ފަރާތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކުގެ އޮއިވަރުގައި ނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެފަދަ ސިޔާސީ އޮއިވަރުތަކުގެ ތެރެއަށް ވަދެވިއްޖެނަމަ، ގައުމުގައި އޮތް ހަމަޖެހުމާއި އަމާންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

ސަރުކާރުގެ ތަރައްގީގެ ޕްލޭންތައް އެއްވެސް ހުރަހެއް ނެތްގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވައި، 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުރިހަމައަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ މުއިއްޒު ދެއްވިއެވެ.

އއ. އުކުޅަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވާފައެވެ.

ޝެއާ

ކޮމެންޓު