ޙަބަރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތެއް

އާމިނަތު ރޫޔާ

1 މިނިޓުއަޕްޑޭޓުކުރީ

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކުރާ ޚާއްޞަ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް 19 ޖޫން 2026 ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެންނެވެ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްއިރު، މާލެ ސިޓީއިން ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ވަކި ލިމިޓެއްގެ ދަށުންނެވެ. އެގޮތުން މާލެއިން ބައިވެރިވެވޭނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފުރަތަަމަ20 ޓީމަށެވެ.

މިނިސްޓްރީއިން ބުނިގޮތުގައި، މި މުބާރާތާގުޅޭ ޢާއްމު ޤަވާއިދާއި އުޞޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައެވެ. ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ބާއްވާ މި ހަރަކާތަކީ މަސްވެރިކަމުގެ ސަގާފަތް ދިރުވައި، ކަނޑުތަކުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މުބާރާތެއް ކަަމަށް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނިގޮތުގައި، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު، މިއަދު (17 ޖޫން 2026) ގެ މުދުރުފަހު 14:00 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ.މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3339225 ނުވަތަ 3339272 ފޯނާ ގުޅުއްވުމަށް މިނިސްޓްރީއިން އިލްތިމާސްކުރެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ބާއްވާ މި ހަރަކާތުގެ ސަބަބުން، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.. މީގެ އިތުރުން، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހަލާކުނުވާނެ ފަދަ ދެމެހެއްޓެނިވި ގޮތްގޮތަށް މަސްވެރިކަން ކުރުމަށް ހިތްވަރުދީ، ރަށްރަށުގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުމާއި އެކުވެރިކަން ބަދަހިކުރުމަކީވެސް މި މުބާރާތް ކުރިއަށްގެންދިއުމުގެ ބޮޑު ބޭނުމެކެވެ .

 

ޝެއާ

ކޮމެންޓު