ޙަބަރު

ހައްޖާއި އުމްރާގެ ކަންކަމުގައި އެހީ ފޯރުކޮށްދޭން ފަހުމުނާމާއެއް!

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ހައްޖާއި އުމްރާގެ ކަންކަމުގައި އެހީ ފޯރުކޮށްދޭން ފަހުމުނާމާއެއް!

އިސްލާމިކް މިނިސްޓްރީއާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އާއިދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލޫ ސައީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ  މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

މި އެއްބަސްވުމަކީ ހައްޖާއި އުމްރާގެ ކަންކަމާއި އެނޫންވެސް ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމާއި، ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ފަސޭހަ އަދި އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ހިދުމަތެއް ކަަށަވަރުކުރުމަށާއި، މާލެ އާއި ޖިއްދާއާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކޮށް، ހައްޖުވެރިންނަށާއި އުމްރާވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ސޮއިކުރި އެއްބަސްވުމެކެވެ.

މީގެ އިތުރުން މޯލްޑިވިއަންގެ މުވައްޒަފުންނާއި ދީނީ ކަންކަމާއި ގުޅޭ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ވުޒާރާއިން ބާއްވާ ހައްޖު އުމްރާ ކޮންފަރެންސް ފަދަ ހަރަކާތްތަކުގައި މޯލްޑިވިއަންގެ ފުރިހަމަ ބައިވެރިވުން ދިނުމަށް މި އެއްބަސްވުމުގައިވެއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ދިވެހި ހައްޖުވެރިންނާއިއުމްރާވެރިންގެ ހިދުމަތުގައި މޯލްޑިވިއަނުން ކުރަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

ޝެއާ

ކޮމެންޓު