ޙަބަރު

އަމާން ޓަވަރުތަކުން ކުނި ނެގުމަށް އެފްޑީސީން 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފި

އާމިނަތު ރޫޔާ

1 މިނިޓު
އަމާން ޓަވަރުތަކުން ކުނި ނެގުމަށް އެފްޑީސީން 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތަކުގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވޭތުވެދިޔަ އަށް މަހު 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އަމާން ޓަވަރުތަކުން 3,178 ޓަނުގެ ކުނި އުކާލުމަށް 8.45 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މެއި މަހުން ޖޫން މަހަށް 1,862 ޓަނުގެ ކުނި ނައްތާލުމަށް 4.95 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

މީގެ އިތުރުން އޭޕްރީލް މަހު އެކަނިވެސް ކުނި މެނޭޖްކުރުމަށް 75.1 ހާސް ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

އެފްޑީސީން ހާމަކުރިގޮތުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އާންމު ސަރަހައްދުތަކަށާއި ހުސްބިންތަކަށް ކުނި އެޅުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރިމަތިވާ މާލީ ބުރަ ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ޚާއްޞަކޮށް، ފްލެޓްތަކުގެ ކައިރީގައި ހުންނަ ހުސްބިންތަކަށް ގަވާއިދާ ޚިލާފަށް ކާޑުބޯޑާއި ބާ ފަރުނީޗަރު ފަދަ ބޮޑެތި ތަކެތި އުކާލުމަކީ މި ޚަރަދުތައް އިތުރުވާން ދިމާވާ އެންމެ ބޮޑު ސަބަބެވެ.

އެފްޑީސީން ބުނީ ކުނި އުކާލުމުގެ އުސޫލުތަކަށް ބޯލެނބުމަކީ ދައުލަތުގެ ބަޖެޓުން ހިނގާ ބޭކާރު ޚަރަދުތައް ހުއްޓުވުމަށް ލިބޭނެ ބޮޑު އެހީއެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާތީ، ކަނޑައެޅިފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނި ނޭޅުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ޝެއާ

ކޮމެންޓު