ޙަބަރު

ކަނޑުތައް ހިމާޔަތްކުރުމަށާއި، އުފެއްދުންތެރިން ޒިންމާދާރުވުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ތިމާވެށި ހިމާޔަތްކުރުމަށާއި، ކުނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން، ތުރުކީގެ ރައީސްގެ އަނބިކަނބަލުން، އެމިނޭ އުރުދުޣާން އިންތިޒާމުކުރެއްވި މި ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުސައިން އިސްމާއިލް

2 މިނިޓު

ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި، ކުނި އުފެދޭ ސަބަބުތަކުން ފެށިގެން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ކަނޑުގެ މާހައުލު ޙިމާޔަތްކުރުމަށްޓަކައި އުފެއްދުންތެރިންގެ ޒިންމާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އަންތާލިޔާގައި ބޭއްވި "ހައި-ލެވެލް މީޓިންގ އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގައި ދެއްކެވި ވާހަކަފުޅުގައެވެ.

ތިމާވެށި ހިމާޔަތްކުރުމަށާއި، ކުނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން، ތުރުކީގެ ރައީސްގެ އަނބިކަނބަލުން، އެމިނޭ އުރުދުޣާން އިންތިޒާމުކުރެއްވި މި ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، ކުންޏަކީ އުކާލުމުން އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ޒީރޯ ވޭސްޓް ޙަރަކާތް ހިންގެވުމަށް، އެމިނޭ އުރުދުޣާން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވައި، ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ އަމާޒުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން އެކަމަނާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން އަޅަމުންދާ ގާނޫނީ ފިޔަވަޅުތަކުގެ ތެރެއިން، މިދިޔަ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ކުނި ނައްތާލުމާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އެ އިސްލާހުތަކުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރި ހުއްދަނެތި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކުނި ނައްތާލުމަކީ، އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖެފަދަ މުދާ އެތެރެކުރުމަށް ބަރޯސާވާ ގައުމުތަކުން އުފުލަންޖެހެނީ އެހެން ގައުމުތަކުގައި އުފައްދައި، ބަންދުކޮށްގެން އެކްސްޕޯޓްކުރާ ކުނީގެ ބުރަ ކަމަށެވެ. އަދި އުފެއްދުންތެރިންގެ ޒިންމާއަކީ މުދާ ވިއްކުމާ ހަމައިން ނިމޭ ކަމަކަށް ވެގެންނުވާނެ ކަމަށާއި، މުދާ ބަންދުކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރުމާއި، އައު ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން ކުނިމަދުކުރެވޭނެ އިގްތިސާދަކަށް (ސަރކިއުލަރ އިކޮނޮމީއަކަށް) ވާސިލުވުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިވާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ތިމާވެށި ސާފުކޮށް ބެލެހެއްޓުމުގައި އިސްނަގާނެ ޖީލެއް ބިނާކުރުމަށްޓަކައި ކުޑަކުދިން ބާރުވެރިކުރުވުމަކީ މުހިންމު ކަމެއްކަން ހާމަކުރައްވަމުން، ދެމެހެއްޓެނިވި ބަދަލަކަށް ވާސިލުވެވޭނީ އާއިލާތަކާއި ސްކޫލްތައް އަދި މުޖުތަމައު އެކުގައި ގުޅިގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ހަގީގީ ބަދަލަކީ ގޭތެރެއިން ފަށައިގެން، ސްކޫލްތަކުގެ ތެރެއިން މޫލައި، މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވާންޖެހޭ އެއްޗެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަސައްކަތްތައް ރަސްމީ ޙައިސިއްޔަތަކުން ފެށިގެން ދިޔައީ މި ބައްދަލުވުމުގެ ތެރެއިންނެވެ. މިއީ 2017 ވަނަ އަހަރު ތުރުކީގެ ރައީސްގެ އަނބިކަނބަލުން، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ އުސޫލުތައް މުޅި ދުނިޔެއަށް ފުޅާކުރުމަށްޓަކައި ސަރުކާރުތަކާއި، އދ.ގެ އިދާރާތަކާއި އަދި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ޝެއާ

ކޮމެންޓު