ޙަބަރު

ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ތުރުކީވިލާތަށް

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން، ގައުމީ ބަޔާން އިއްވަވާނެއެވެ. އަދި މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ.

ހުސައިން އިސްމާއިލް

1 މިނިޓުއަޕްޑޭޓުކުރީ

މިހިނގާ ނޮވެންބަރު މަހުގެ 10 އިން 14 އަށް ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން، ގައުމީ ބަޔާން އިއްވަވާނެއެވެ. އަދި މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ.

ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ. މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމަޢީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމުޢިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެއެވެ.

ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުއާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޝެއާ

ކޮމެންޓު