ޙަބަރު

ލޭންޑިން ކްރާފްޓާއި ޓަގު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް އެދިއްޖެ

މަރިޔަމް ލީން

1 މިނިޓު
ލޭންޑިން ކްރާފްޓާއި ޓަގު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް އެދިއްޖެ

ލޭންޑިން ކްރާފްޓާއި ޓަގު ބޯޓު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެ އެވެ.

މިނިސްޓްރީން މިކަމަށް އެދިފައި މިވަނީ، މި މަހުގެ ދެވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކޮށްފައެވެ. މިނިސްޓްރީން ބެލި ބެލުމުން، ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުންކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައި ވެއެވެ.

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3،000 ގްރޮސްޓަންގެ ކެޕްޓަނުނަށެވެ. ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމިކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނެވެ.

އެހެންކަމުން ހަމައެކަނި ލައިސެންސް އޮތް ކެޕްޓަނުން އުޅަނދުފަހަރު ދުއްވައި އޮޕަރޭޓް ކުރުމަށާއި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ޝެއާ

ކޮމެންޓު