ޙަބަރު

ކުދި ވިޔަފާރިތަކަށް އަންނަ ހަފުތާގައި 200 މިލިޔަން ރުފިޔާ ދޫކުރަނީ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ކުދި ވިޔަފާރިތަކަށް އަންނަ ހަފުތާގައި 200 މިލިޔަން ރުފިޔާ ދޫކުރަނީ

ސަރުކާރުން ފައިސާ ދައްކަންޖެހޭ އަމިއްލަ ކުދި ވިޔަފާރިތަކުގެ ތެރެއިން، އެއް މިލިޔަން ރުފިޔާއަށްވުރެ ކުދި ބިލްތަކަށް އަންނަ ހަފުތާގައި އެކަނިވެސް 200 މިލިޔަން ރުފިޔާ ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކާ ނިންމުން ކަމަށާއި، މިހާރުވެސް ކޮންމެ ހަފުތާއަކު ދަނީ ކޮންމެވެސް މިންވަރެއްގެ ފައިސާ ދޫކުރަމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ ރަނގަޅަށް ކަމަށާއި، ދައުލަތުގެ ދަރަނިތައް މެނޭޖްކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. ބޭރުގެ ދަރަނިތައް ދައްކަމުންވެސް، ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ގަވާއިދުން ދޫކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

“ކުރިއަށްއޮތް ހަފުތާއަކީވެސް މިގޮތުން ކުދި ވިޔަފާރިތަކަށް ރާއްޖޭގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކުން ނުވަތަ ކުންފުނިތަކުން ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް ދޭންހުރި ފައިސާގެ މަދުވެގެން 200 މިލިޔަން ރުފިޔާ ދޭނެ ހަފުތާއެއް. ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އަދަދެއް އެބަދެން.” ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރުން އިސްކަން ދެނީ ކުދި އެމައުންޓްސްތަކުން ދައްކައް ހުރި އެޑްވާންސް ފައިސާތަކަށް ކަމަށާއި މިއަންނަ ހަފުތާގައި 1 މިލިޔަން ރުފިޔާއަށްވުރެ މަދުން ފައިސާ ދޭންހުރި ބިލްތަކަށް އިސްކަމެއް ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 6.3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ދޫކޮށްފައެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކުދި ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތައް ހައްލުކޮށް، އެ ފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމެވެ.

ސަރުކާރުން އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު މިއަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށެވެ. އަދި ވިޔަފާރިތަކަށް ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކޮށް، ލަސްނުވެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

 

 

ޝެއާ

ކޮމެންޓު