ޙަބަރު

ޕީއެންސީގެ އާ ލީޑަޝިޕް މަގާމުގެ ހުވާކޮށް، ރަސްމީކޮށް ހަވާލުވެއްޖެ!

އާމިނަތު ރޫޔާ

1 މިނިޓު
ޕީއެންސީގެ އާ ލީޑަޝިޕް މަގާމުގެ ހުވާކޮށް، ރަސްމީކޮށް ހަވާލުވެއްޖެ!

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުން ހޮވުނު އާ ލީޑަޝިޕާއި އެކި ގޮފިތަކުގެ އިސްވެރިން މަގާމުގެ ހުވާކުރައްވައި، ރަސްމީކޮށް މަގާމުތަކާ ހަވާލުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، އަލަށް ހޮވުނު ބޭފުޅުންނަށް މަގާމުގެ އިގުރާރު ލައިދެއްވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހުތާޒު މުހުސިނެވެ.ޕާޓީގެ އިސް ލީޑަޝިޕާ އަލަށް ހަވާލުވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ނައިބު ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވައެވެ.

އާންމު މެންބަރުންގެ މެދުގައި ބޭއްވުނު ވޯޓުން ޕީއެންސީގެ ނައިބު ރައީސްކަމަށް ހޮވުނު ހަ ބޭފުޅުންނަކީ:

  • އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު)
  • އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)
  • މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)
  • މުހައްމަދު ހުސެއިން ޝަރީފް (ސަރުކާރުގެ އިސް ތަރުޖަމާނު)
  • ފާތިމަތު ސައުދާ (ނިލަންދޫ ދާއިރާގެ މެންބަރު)
  • އިބްރާހިމް ޝުޖާއު (ބާރަށު ދާއިރާގެ މެންބަރު)
  • މީގެއިތުރުން، ޕާޓީގެ އަސާސީ ގަވާއިދުން ލިބިދޭ ބާރުގެ ދަށުން، ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ވަޒީރުންގެ ފެންވަރުގެ ހަތް ބޭފުޅަކު ލީޑަޝިޕަށް އައްޔަންކުރައްވާފައެވެ. އެ ބޭފުޅުންނަކީ:
  • ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި،
  • މިނިސްޓަރު އަބްދުﷲ ނާސިރު،
  • މުހައްމަދު އަމީން،
  • ގީލާ އަލީ،
  • ޑރ. އަބްދުﷲ މުއްތަލިބު،
  • މުހައްމަދު ތޮލާލުގެ އިތުރުން ސަފީރު އާދަމް ޝަރީފް އުމަރެވެ.

މީގެއިތުރުން ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ލީޑަޝިޕުން ޖާގަ ހޯއްދެވި ބޭފުޅުންނަކީ އަބްދުލްރައްޒާގު ހަލީމާއި، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އަދި ހަމްދާން ޝަކީލެވެ.

ޝެއާ

ކޮމެންޓު