ސިޔާސީ

ރޯދައަށް ތަކެތީގެ އަގު ވީހާވެސް ހެޔޮކުރެވޭތޯ އެބަ މަސައްކަތްކުރަން: ރައީސް

hiriyaa.mv

1 މިނިޓު
ރޯދައަށް ތަކެތީގެ އަގު ވީހާވެސް ހެޔޮކުރެވޭތޯ އެބަ މަސައްކަތްކުރަން: ރައީސް

ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު”ގައި މިފަހަރު ރައީސްގެ އަރިހުން މީހަކު އެދިފައި ވަނީ ކުރިއަށް ރޯދަ މަސް އޮތުމާ އެކު ކާބޯތަކެތި އަގު ހެޔޮކޮށްދިނުމަށެވެ.

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، އެ ތަކެތި އަގު ހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އިތުރަށް ހެޔޮކުރެވޭތޯ ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

“މިހާރު ވެސް އަގު ހެޔޮކޮށް ވިއްކަން ފަށާފައި ވަނީ. އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުން ކަމަށެވެ. އޭރުން ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޝެއާ

ކޮމެންޓު