ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، މި އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އިތުރުކޮށްފައެވެ. މި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ މެންބަރު މުހައްމަދު ސިނާން އެވެ. އޭނާ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ބޭއްވި ޕްރައިމަރީގައި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވައިގެންނެވެ.
ޖުމްލަ 727 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވީ މި ޕްރައިމަރީގައި ވޯޓުލާފައިވަނީ 422 މީހުންނެވެ. މާލެ އާއި އައްޑޫ ސިޓީގައި ބެހެއްޓި ފޮށިތަކުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ސިނާނަށް 226 ވޯޓު ލިބިވަޑައިގަތްއިރު، ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
މި ގޮނޑިއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޯބެ ފިޔަވައި އެހެން ބޭފުޅަކު އެ ޕާޓީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ.
މި އިންތިޚާބަކީ ރައްޔިތުންގެ މަޖިލީހުގެ ތަރުތީބަށް އަންނާނެ މުހިންމު ބަދަލަކަށް ވާއިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޚާބުގެ ތައްޔާރީތައް ވަމުންނެވެ.







ކޮމެންޓު