ޙަބަރު

މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތު ވެއްޖެ

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލާގައި ހަސަން މަމްދޫހް (މަންޑޭ) ގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން 94 ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ކޭ ޕާކް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާނެގިކަމަށް ތުހުމަތުކޮށް، މަންޑޭ ގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން 94 ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލާގައި މަންޑޭގެ މައްޗަށް ކްރިމިނަލް ކޯޓުން 104 ދައުވާކޮށްފައިވެ އެވެ. އޭގެ ތެރެއިން ޓެކުންގެ 46 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެފައިވެއެވެ.

މި މައްސަލާގައި ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލަ މަންޑޭގެ މައްޗަށް ސާބިތުވެފައިވާތީ އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރަށްގީކޮށްފައިވާ އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް އަދި ޕާކިން ސްލޮޓް ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވެއެވެ.

މި ދައުވާއާ ގުޅިގެން އަދަބު ކަނޑައެޅުމުގެ އަޑުއެހުން  30 ޑިސެންބަރު 2025 ދުވަހުގައި އޮންނާނެ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.

މަންޑޭގެ އިތުރުން ޖައިޝާން ރަޝީދުގެ މައްޗަށް ޓެކުންގައި ބައިވެރިވުމުގެ 45 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެފައިވެއެވެ.

މަންޑޭ އާއި އިތުރު ބަޔަކު ގުޅިގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ޗައިނާ، ޖިން ޝިހޫ، ގެ ސޮއި ފޯޖްކޮށްގެން ލިޔެ ކިޔުންތަކެއް ހަދާފައިވެ އެވެ. އަދި މި ލިޔެކިޔުންތައް ބޭނުންކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި، ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ރެސިޑެންސްގެ އިމާރާތްތަކުގެ އެޕާޓްމަންޓްތައް މަކަރާ ހީލަތުން، އާންމު ފަރާތްތަކަށް ވިއްކާފަ އެވެ. އަދި މި އެޕާޓަމަންޓްތައް، އެކަކަށް ވުރެ ގިނަ މީހުން ވިއްކާފައިވެ އެވެ.

ޝެއާ

ކޮމެންޓު