ފަގީރު އާއިލާތަކާއި އެކަނިވެރި މައިންބަފައިންނަށް އޭޕްރީލް މަހު 16.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކާއި އެކަނިވެރި މައިންބަފައިންނަށް އެހީތެރިވުމަށް ސަރުކާރުން ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖުމްލަ 16.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ބޮޑު ހޭދައަކީ އެކަނިވެރި މައިންނާއި ބަފައިން ބަލަހައްޓާ ކުޑަކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އެހީގެ ދަށުން ދިވެހި އާއިލާތަކުގެ ހިތްތަކަށް ލިބިގެންދިޔަ ބޮޑު ފިނިކަމެކެވެ. ސަރުކާރުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ދޫކުރި މި ފައިސާގެ ސަބަބުން ރާއްޖޭގެ އެކިކޮޅުތަކުގައި ތިބި އެތައް ހާސް އާއިލާއަކަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ އޭޕްރީލް މަހު މި މާލީ އެހީ ލިބުނު އެކަނިވެރި މައިންބަފައިންގެ ޖުމްލަ އަދަދަކީ 3،131 އެވެ. މީގެ ތެރޭގައި މި މަހުގެ ތެރޭގައި އަލަށް އެހީއަށް އެދި ރަޖިސްޓަރީވި 81 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން، މި އާއިލާތަކަށް ނިސްބަތްވާ އަދި މި ޕްރޮގްރާމްގެ ދަށުން އެހީ ލިބެމުންދާ ކުޑަކުދިންގެ ޖުމްލަ އަދަދު މިހާރު 5،364 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 147 ކުދިންނަކީ އޭޕްރީލް މަހު އަލަށް ރަޖިސްޓަރީ ކުރެވުނު ކުދިންނެވެ.
އެންސްޕާގެ ރެކޯޑުތަކުން ދައްކާގޮތުގައި، މި ހުރިހާ އެކަނިވެރި މައިންބަފައިންނާއި ކުޑަކުދިން ހިމެނޭހެން އޭޕްރީލް މަހުގެ ތެރޭގައި ޖުމްލަ 16،265،000 (ސޯޅަ މިލިއަން ދެލައްކަ ފަސްދޮޅަސް ފަސްހާސް) ރުފިޔާ ވަނީ މާލީ އެހީގެ ގޮތުގައި ދޫކޮށްފައެވެ.
އެކަނިވެރި މައިންބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމަކީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އެހީގެ ދަށުން، އަޅާލުމާއި އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް އެންސްޕާ އިން ގާއިމުކޮށްފައިވާ މުހިންމު އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެކެވެ. ސަރުކާރުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ދޫކުރާ މި އިނާޔަތް ދެނީ ކަނޑައެޅިފައިވާ ޚާއްޞަ އުސޫލެއްގެ ދަށުން، އާއިލާގެ މާލީ ހާލަތު ދެނެގަތުމަށް ހަދާ “މީންސް ޓެސްޓް” އަށް ބެލުމަށްފަހުގައެވެ. މި އެހީގެ މައިގަނޑު ބޭނުމަކީ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް އިގްތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދިނުމާއި، އެ އާއިލާތަކުގައި ތިބި ކުޑަކުދިންނަށް ތަޢުލީމާއި ޞިއްޙަތު ފަދަ އަސާސީ ބޭނުންތައް ފުރިހަމައަށް ހޯދައިދިނުމެވެ.






ކޮމެންޓު