ދައުލަތުގެ އާމްދަނީ 10.9 އިންސައްތަ އިތުރުވެ 24.1 ބިލިއަން ރުފިޔާއަށް!

ދައުލަތުގެ އާމްދަނީއާއި ހިލޭ އެހީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތަ އިތުރުވެ، 24.1 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް, ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް އިން ހާމަކުރިގޮތުގައި، މިކަމަށް މަގުފަހިވީ، މުދަލާއި ޚިދުމަތުގެ އަގުންނަގާ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައިއިތުރުވުން ހިމެނޭ ގޮތަށް، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، އާމްދަނީއާއި ހިލޭ އެހީގެގޮތުގައި ލިބުނު މިންވަރު ވަނީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިއަން ރުފިޔާއަށްވުރެ 2.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ޓެކްސްގެ ގޮތުގައިލިބުނު އާމްދަނީ 12.1 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރުވެ، 16.4ބިލިއަން ރުފިޔާއިން 18.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ 10.0 ބިލިއަން ރުފިޔާގެ ޖީ.އެސް.ޓީއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތަށް އާމްދަނީ އިތުރުވި ނަމަވެސް، މުސާރައާއި ސަބްސިޑީ ފަދަ ޚަރަދުތައް ބޮޑުވުމުން ޖުމްލަ ޚަރަދު 25.5 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދު %19.7 މަތިވެ 25.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު4.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ޚަރަދު އިތުރުވި ދާއިރާތައް: ސިއްހީ ޚިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކުގެ އިތުރުން މުވައްޒަފުންގެ މުސާރައަށް ދަނީ ދެމިހުރި ގޮތެއްގައި ހޭދަކުރަމުންނެވެ
މުސާރައާއި ޕެންޝަން: މުސާރައާއި ޕެންޝަނަށް ކުރި ޚަރަދު %9.5 އިތުރުވެ 8.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ (މިއީ ކުރީ އަހަރަށްވުރެ 739.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ)
އިތުރުވާން ދިމާވި ސަބަބު: ނޮވެންބަރު 2025 ގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި މުދަލުގެ އަގު އުފުލި، މި އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ހޭދަ 14.8 އިންސައްތަ އިތުރުވެ 1.2 ބިލިއަން ރުފިޔާއަށް އަދި ސަބްސިޑީ ޚަރަދު 79 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދައުލަތުގެ މި ޚަރަދުތައް ބޮޑުވެފައިވާކަން މިނިސްޓްރީއިން ވަނީ ފާހަފަކޮށްފައެވެ.
މިނިސްޓްރީއިން ބުނީ، 2026 ޖުލައި 23 ގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން 1.5 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ފެންނަން ހުރިއިރު، ޖުމްލަ ބެލެންސް ހުރީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.






ކޮމެންޓު