ޙަބަރު

މަލްޓި ފުލެކްސް ސްޓިއަރިން ސިސްޓަމެއް ލޯންޗުކޮށްފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
މަލްޓި ފުލެކްސް ސްޓިއަރިން ސިސްޓަމެއް ލޯންޗުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “މަލްޓިފްލެކްސް ސްޓިއަރިންގ ސިސްޓަމް” ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

އެ ކުންފުނިން މި ސިސްޓަމް އިފްތިތާހްކޮށްފައި ވަނީ މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މެރިން އެކްސްޕޯގައެވެ.

މި ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ މިކަމަށް ހާއްސަ ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އެމްޓީސީސީން ލޯންޗްކޮށްފައިވާ މި މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމަކީ، އުޅަނދުފަހަރު ދުއްވުމުގައި ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ގެނެސްދޭނެ ސިސްޓަމެކެވެ. މި ސިސްޓަމްގެ ސަބަބުން އުޅަނދު ގެނގުޅެން ފަސޭހަވެ، ކަނޑުމަތީގެ ރައްކާތެރިކަން އިތުރުވުމުގެ އިތުރުން، އުޅަނދު ދުއްވަން ކުރަންޖެހޭ މަސައްކަތް މަދުވެ، އުޅަނދު ދުއްވާ ފަރާތައް ރައްކާތެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ސިސްޓަމަކީ ރާއްޖޭގެ ކަނޑާއި ގުޅޭ، ކުއަލިޓީ ރަނގަޅު އަދި އިތުބާރުކުރެވޭ، މެރިން ހައްލުތަކެއް ހެޔޮ އަގުގައި ދިވެހި އޮނޑިދޯނިފަހަރު ދުއްވާ ފަރާތްތަކަށް، ފޯރުކޮށްދިނުމަށް އެމްޓީސީސީން ކުރަމުންދާ  މަސައްކަތްތަކުގެ ތެރެއިން އެމްޓީސީސީން ތައާރަފްކޮށްފައިވާ ސިސްޓަމެކެވެ. މިއީ ރާއްޖޭގެ މެރިން ސިނާއަތް ތަރައްގީކޮށް، ޒަމާނީ ވަސީލަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެމްޓީސީސީން ހޯދާފައިވާ ކުރިއެރުމެކެވެ.

ޝެއާ

ކޮމެންޓު