ޙަބަރު

ބޯހިޔާވަހިކަމަށް ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށް މަޝްރޫއުއެއް ފަށަނީ

މަރިޔަމް ލީން

1 މިނިޓު
ބޯހިޔާވަހިކަމަށް ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށް މަޝްރޫއުއެއް ފަށަނީ

ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށް، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުއު ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމުގެ މަގްސަދުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ތަންފީޒުކުރުމަށް ނިންމާފައިވާ ކަންކަން:

  1. އިމާރާތްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްގީކުރުމަށް ފުރުސަތު ހުޅުވާލުން.
  2. މިގޮތަށް ތަރައްގީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސަރ ފައިނޭންސްގެ ހާއްސަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތައާރަފްކުރުން.
  3. މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްގީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުން.

މިމަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށައަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫއާ ގުޅޭ ކަންކަން އިތުރުކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ޝެއާ

ކޮމެންޓު