ޙަބަރު

ގައުމު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓާއިން މުހިންމު ދައުރެއް އަދާކުރޭ: މެޑަމް ސާޖިދާ

މަރިޔަމް ލީން

1 މިނިޓު
ގައުމު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓާއިން މުހިންމު ދައުރެއް އަދާކުރޭ: މެޑަމް ސާޖިދާ

ގައުމު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓާއިން މުހިއްމު ދައުރެއް އަދާކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ތައުލީމީ ނިޒާމުގައި ސިއްހަތު، އައު ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި އަމަލީ ގާބިލިއްޔަތު ކުރިއެރުވުމަށްކަމަށެވެ. މީގެއިތުރުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަހުލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަގުބަލެއް ހާސިލުކުރުމަށާއި، ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވޭނެކަން ސާޖިދާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތައުލީމުގައިވެސް އަދި ސަރުކާރުން ދެމުން ގެންދާ ތައުލީމުގައިވެސް މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ކްލިކް ކޮލެޖުގެ ފަރާތުން ދޭ އެއް ލައްކަ ރުފިޔާގެ ހާއްސަ ސްކޮލަރޝިޕް ލިބުނު ދަރިވަރަށް އިނާމު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ އެވެ.

ޝެއާ

ކޮމެންޓު