ޙަބަރު

ލޯކަލް ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ލޯކަލް ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި  އަލުން ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 16 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީން) ވަނީ ބުނެފައެވެ.

އީސީން ބުނީ މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ކަމަސް ވެސް އީސީން ބުނެފައިވެއެވެ.

އެހެންވެ، ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަން އީސީން ވަނީ ފާހަގަކޮށްފަ އެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، ‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ (form.elections.gov.mv) ނުވަތަ ‘މައި ޕޯޓަލް’ (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު، ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID   ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ޗެކްކުރެވޭނެ ކަމަށް ވެސް އީސީން ބުނެފައިވެއެވެ. 

ޝެއާ

ކޮމެންޓު