ޙަބަރު

މިދިޔަ މަހު އެމްޕީއެލް އިން ސީޓު އެއާ ކާގޯގައި 663 ޓަނުގެ މުދާ ފޮނުވި

އާމިނަތު ރޫޔާ

1 މިނިޓު
މިދިޔަ މަހު އެމްޕީއެލް އިން ސީޓު އެއާ ކާގޯގައި 663 ޓަނުގެ މުދާ ފޮނުވި

ވޭތުވެދިޔަ މަހު ސީ-ޓު-އެއަރ ކާގޯ (ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ) ޚިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު މުދާ ފޮނުވި އަދަދު އިތުރުވެ، މި ޚިދުމަތަށް ލިބެމުންދާ ތަރުހީބު ބޮޑުވަމުންދާކަން ހާމަކޮށްދޭ ކުރިއެރުމެކެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ބޭނުންކޮށްގެން ޖުލައި މަހު ރާއްޖެއިން ބޭރަށް ފޮނުވި މުދަލުގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު 88 އިންސައްތަ އިތުރެވެ. އެގޮތުން ޖޫން މަހު ފޮނުވި 335 ޓަނުގެ ބަދަލުގައި،  ޖުލައި މަހު 131 ޓީއީޔޫސްގެ 633 ޓަނުގެ މުދާ 6 އެއާލައިނެއްގައި 10 ގައުމަކަށް ވަނީ އުފުލާފައެވެ.

މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއާލައިންތައް:

• އެމިރޭޓްސް
• އިއްތިހާދު އެއާވޭސް
• ގަތަރު އެއާވޭސް
• ސައުދިއާ އެއާލައިން
• ސްވިސް އެއާވޭސް
• ޓާކިޝް އެއާލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން 2024 ވަނަ އަހަރުގެ މޭ މަހު ރަސްމީކޮށް ފެށި ސީ–ޓު–އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވިޔަފާރީގެ މުހިންމު ހަބަކަށް ރާއްޖެ ހެދުމަށް ފެށި އިގްތިސާދީ މުހިންމު މަޝްރޫޢެކެވެ. މި ބާވަތުގެ ޓްރާންޝިޕްމަންޓް ޚިދުމަތުގައި އަވަށްޓެރި ގައުމުތަކުން (މިސާލަކަށް ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ކެމްބޯޑިއާ) ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ވައިގެ މަގުން ޔޫރަޕާއި އެމެރިކާގެ ބާޒާރުތަކަށް ވަގުތުން ފޮނުވައިދެއެވެ.

ކަނޑުދަތުރުފަތުރުގެ ޚަރަދު ކުޑަވުމާއި ވައިގެ ދަތުރުފަތުރުގެ ހަވީރުކަން އެއްކޮށްލާ މި މޮޑެލްގެ ސަބަބުން، ބައިނަލްއަގުވާމީ ވިޔަފާރިވެރިންނަށް މުދާ ފޮނުވުމުގެ ޚަރަދާއި ވަގުތު ސަލާމަތްވެ، ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ ވަންނަ އާ ދޮރެއް ވަނީ ހުޅުވިފައެވެ.

ޝެއާ

ކޮމެންޓު