ކުދިން ކުށުގެ މާހައުލުން ސަލާމަތްކޮށް، އަބުރުވެރި ބަޔަކަށް ހަދަން ޖެހޭ: ރައީސް

ކުށުގެ މާހައުލުތަކާއި މަސްތުވާތަކެތީގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިން އެފަދަ މާހައުލުތަކުން ސަލާމަތްކޮށް، މުޖުތަމައަށް ބޭނުންތެރި، އަބުރުވެރި އަދި ބިނާކުރަނިވި ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެއެވެ.
ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް އޮތް އެންމެ ބޮޑު ހައްލަކީ އެފަދަ ނޭދެވޭ މާހައުލުތަކުގައި ތިބި ކުދިން ސަލާމަތްކުރުން ކަމަށެވެ.ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން އިސްލާހުކޮށް ކުށްކުރުން ހުއްޓުވުމަށްޓަކައި ގާއިމުކުރާ “ހޯޕް އައިލެންޑް” ވެގެންދާނީ މުޖުތަމައަށް ފައިދާހުރި ޒަމާނީ ފަރުވާއަކަށް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މުޖުތަމައުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކާއި، ގައުމު ތަރައްގީކުރުމަށް ސަރުކާރުތަކުން ގެންގުޅޭ ބައެއް ސިޔާސަތުތަކަކީ ވެސް މި މައްސަލަ ދިމާވުމަށް މެދުވެރިވާ ސަބަބުތަކެއް ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އިޖުތިމާޢީ މައްސަލަތަކާއި ބޯހިޔާވަހިކަމުގެ ދަތިތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، މި ވަބާއިން މުޖުތަމައު ސަލާމަތްކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކުދިން ކުށުގެ ވެށްޓަށް ހުށަހެޅުމަށް މަގުފަހިވާ ސަބަބުތައް ހޯދައި، އެކަންކަމަށް އިސްލާހީ ބަދަލުތައް ގެނައުމަކީ މި މައްސަލަ ހައްލުކުރުމުގެ މައިގަނޑު އަސާސެވެ.
“މައްސަލައިގެ އަސްލު ސަބަބުތަކާ ހަމައަށް ދިއުމަކީ ސަރުކާރުގެ ޒިންމާއަކަށް ވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަންތައް. އަނެއް ކަމަކީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުން. ޒުވާނުންނަށް ތަފާތު ދާއިރާތަކުން އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީ ވެސް ކުރަންޖެހޭ މުހިންމު ކަމެއް.”
ރައީސް ވިދާޅުވި ގޮތުގައި ކުޑަކުދިން ކުށުގެ މާހައުލަށް ވަނުމާއި މަސްތުވާތަކެތީގެ ބޭނުންކުރަން ފެށުމާ މި ހުރިހާ ކަމެއް ވަނީ ސީދާ ގުޅިފައެވެ. އެހެންކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މައްސަލައިގެ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.






ކޮމެންޓު