ޙަބަރު

ބިދޭސިން މަސައްކަތް ކުރާ ސައިޓްތަކުގެ ހުއްދަ އާކުރަން އަންގައިފި

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ބިދޭސިން މަސައްކަތް ކުރާ ސައިޓްތަކުގެ ހުއްދަ އާކުރަން އަންގައިފި

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ކުންފުނިތަކުން، ބިދޭސިން މަސައްކަތް ކުރާ ސައިޓްތަކުގެ ހުއްދަ އާކުރަން މިނިސްޓަރީ އޮފް ހޯމްލޭންޑް ސެކުރިޓީން ބުނެފިއެވެ.

އެ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް އެ ވުޒާރައިން މަސައްކަތް ކުރަމުންދާ ކަަމަށް ބުނެފައިވެއެވެ.

މިގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ބިދޭސީން ގެނައުމަށް، ޕްރޮޖެކްޓް އުސޫލުން ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑްތަކުން ދައްކާ ވޯކް ސައިޓްތައް މިއަދުން ފެށިގެން ‘ޕެންޑިން ސައިޓް ކްލިއަރެންސް’ އަށް ބަދަލުކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މިއާއެކު، ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، ކޯޓާއެއް ނުނަގައި 1 އަހަރު، ދުވަހަށްވުރެ އިތުރު ވެފައިވާ ވޯކް ސައިޓްތައް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ‘އިން-އެކްޓިވް’ ސެޓޭޓަސް އަށް އެކްސްޕެޓް ސިސްޓަމް، މެދުވެރިކޮށް ބަދަލުކުރެވޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.

އެހެންކަމުން، މުއްދަތު ހަމަވެފައިވާ ވޯކް ސައިޓް އަލުން އެކްޓިވޭޓް ކުރުމަށް، މުއްދަތު ހަމަވެފައިވާ ލިއެކިއުންތައް އައު ކުރުމަށްފަހު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވޯކް ސައިޓްގެ ޑޮކިއުމަންޓް އަޕްޑޭތް ކުރުމަށް ކުންފުނިތަކަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ޝެއާ

ކޮމެންޓު