ސިއްޙީ

ދުންފަތުގެ އިސްތިމާލު ނުކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނީ ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތަށް: މިނިސްޓަރު

Hafeez

1 މިނިޓު
ދުންފަތުގެ އިސްތިމާލު ނުކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނީ ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތަށް: މިނިސްޓަރު

ދުންފަތުގެ އިސްތިމާލު ކުރުން އެއްކޮށް ހުއްޓާލަން ރަށަކުން އެދޭނަމަ، އެކަން ތަންފީޒުކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް، ހެލްތް މިިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދުންފަތުގެ އިސްތިމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ ގުޅޭގޮތުން މެމްބަރުން ވަނީ މިނިސްޓަރާ ސުވާލުކުރައްވާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މިކަން ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ގޮތް ހިއްސާ ކުރައްވާފައެވެ. އަދި މިކަމަކީ އެއްވެސް މަޖުބޫރު ކަމެއް އޮތް ކަމެއް ނޫން ކަމަށާއި، އެމަސައްކަތް ކުރަންޖެހެނީ އެރަށެއްގެ ރައްޔިތުންނާއި މަޝްވަރާކުރެވިގެން ކައުންސިލްތަކުން އެގޮތަށް ނިންމައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިކަމަކީ ރާއްޖޭގައި އަލަށް ކުރެވޭކަމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މީގެ ކުރިންވެސް މިގޮތަށް ރަށްރަށް ކަނޑައެޅި އެވޯޑުވެސް ދެވިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، މިގޮތަށް ރަށްރަށް ކަނޑައަޅާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގައުމުތަކުގައި ބަލިތައް ނައްތާލާފައިވާ ކަމަށް ކަނޑައަޅާ އުސޫލާއި އެއްގޮތަށް މިނިވަން ކޮމެޓީއަކުން ރަށްރަށުގައި މިކަން ތަންފީޒުވާ މިންވަރު އެޗްޕީއޭއާއި ގުޅިގެން ބަލާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަމަކީ އެއްވެސް ހާލަތެއްގައި އެރަށުގައި ދުންފަތުގެ އިސްތިމާލު ކުރާ މީހުން ނެތް ކަމަށް ޔަގީންކޮށް ކަނޑައަޅައި ނިންމާ ނިންމުމެއް ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

” މިފަދަ އިނާމެއް ދޭން ފެށުމަކީ އަޅުގަނޑު ނޫނީ އެކަމާ ބެހޭ ފަރާތަކުން ސީދާ %100 މި ރަށުގެ އެއްވެސް މީހަކު ދުންފަތުގެ އިސްތިމާލު ނުކުރާނެއޭ ބުނާ ބުނުމެއް ނޫނޭ. އޭގެ މާނައަކީ ކަނޑައެޅޭ މިންގަނޑުތަކުގައި އެތަން ހިފެއްހެޓިފައި ހުރުމޭ. އެ މުޖްތަމަޢަކީ އަޅުގަނޑުމެން ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ ދުންފަތުގެ އިސްތިމާލު ނުކުރާ މުޖްތަމަޢެކޭ.” މިނިސްޓަރު ވިދާޅުވި އެވެ.

ރަށްރަށުގައި ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލުމަށް ހިތްވަރު ދިނުމަށް، ސަރުކާރުން ހާއްސަ އިނާޔަތެއް ދެއްވުމަށް ނިންމަވައި އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށްވެސް ވަނީ ނިންމަވާފައެވެ.

ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށްޓަކައި އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރަފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މާސްޓަރ ޕްލޭނެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި މާސްޓާ ޕްލޭން ތައްޔާރުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެހީތެރިކަމާއެކުއެވެ. މިއީ 5 އަހަރުދުވަހުގެ މާސްޓަރ ޕްލޭނެކެވެ.

ޝެއާ

ކޮމެންޓު