ޙަބަރު

މިއަހަރުގެ މިހާތަނަށް 8،000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފި، އެންމެ ގިނައީ ވައްކަން!

އާމިނަތު ރޫޔާ

1 މިނިޓު
މިއަހަރުގެ މިހާތަނަށް 8،000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފި، އެންމެ ގިނައީ ވައްކަން!

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ މިހާތަނަށް ފުލުހުންނަށް ޖުމްލަ 8،131 މައްސަލަ ރިޕޯޓްކޮށްފިއެވެ.

ފުލުހުންގެ ކޭސް ރިޕޯޓިންގ ޕްލެޓްފޯމުން އާންމުކޮށްފައިވާ މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނައިން ހިނގާ އަދި ރިޕޯޓްކުރާ ކުށަކީ ވައްކަމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2،226 ކޭސް ހުށަހަޅާފައިވާއިރު، މިއީ ޖުމްލަ މައްސަލަތަކުގެ 27.4 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 1،962 ކޭސް (24.1 އިންސައްތަ) އެވެ. އަދި ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި 1،752 ކޭސް (21.5 އިންސައްތަ) ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ފުލުހުންގެ ތަފާސްހިސާބުތަކުގައި ހިމެނޭ އެހެނިހެން ބާވަތްތަކުގެ މައްސަލަތަކަކީ:

  • ގެއްލޭ ތަކެތި: 661 ކޭސް
  • މާރާމާރީ : 424 ކޭސް
  • މުދަލަށް ގެއްލުންދިނުން : 415 ކޭސް
  • ގެވެށި އަނިޔާ : 212 ކޭސް

ފުލުހުންގެ ރެކޯޑުތަކުން ދައްކާގޮތުގައި، ހުށަހެޅޭ މައްސަލަތަކުގެ ބޮޑު އިންސައްތައެއް ވައްކަމާއި، މަގުމަތީގެ ހާދިސާތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުން ހިއްސާކުރާއިރު، ގެވެށި އަނިޔާ އަދި މާރާމާރީ ފަދަ މައްސަލަތަކުގެ ނިސްބަތް އުޅެނީ ނިސްބަތުން ދަށުގައެވެ.

އާންމުކޮށްފައިވާ މި ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި އަހަރުގެ ޓްރެންޑާ ޚިލާފަށް މި މަހުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެއްޗާ ގުޅުންހުރި 263 ކޭސް ހުށަހަޅާފައިވާއިރު، މިއީ މި މަހު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 36.1 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 154 ކޭސް (21.2 އިންސައްތަ) އެވެ. އަދި ތިންވަނައަށް އެންމެ ގިނައީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން މަގުމަތީގެ ހާދިސާތަކާ ގުޅުންހުރި 145 ކޭސް (19.9 އިންސައްތަ) ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ފާއިތުވި މަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އާންމުކޮށް އެންމެ ގިނައިން ރިޕޯޓްކުރަމުން ގޮސްފައިވަނީ ވައްކަމާއި މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. ނަމަވެސް، ހިނގަމުންދާ އޮގަސްޓް މަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކުރި ނިސްބަތް މިވަނީ މުޅި އަހަރުގެ އެވްރެޖަށްވުރެ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.

ޝެއާ

ކޮމެންޓު