ޙަބަރު

އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭނެ: ރައީސް

މަރިޔަމް ލީން

1 މިނިޓު
އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭނެ: ރައީސް

ކުރިޔަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޅ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހިމަނުއްވައިގެން ބަޖެޓު ހުށަހަޅުއްވާނީ، ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މިއަހަރު ސޮއިކޮށް މަސައްކަތް ފަށާފައިވާ މަޝްރޫއުތަކުގެ އިތުރަށް، ދެން ހުރި ވައުދުތައް ފުއްދެވުމަށް ފަހިވާ ގޮތަށް ކަމުގައި ވިދާޅުވިއެވެ.

ގާނޫނީ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބަހާނީ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ، ރަށު ކައުންސިލްގެ ބަޖެޓުގެ ތެރެއިން، ފޯރުކޮށްދެއްވުމަށް ކައުންސިލްތަކަށް ލާޒިމުވާ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރަށްރަށުގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތަކުގެ އިތުރަށް، އިޖުތިމާއީ ކަންކަމަށްވެސް ބޮޑު ސަމާލުކަމެއް ދެއްވަން ބޭނުންފުޅުވާކަމަށާ، ކުރިއަށް އޮތް އަހަރަކީ ވަކިވަކި ރައްޔިތުންނަށް އެކަން އިހުސާސްކުރެއްވޭނެ އަހަރެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޅ. އޮޅުވެލިފުށީގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ ކަންކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ރައީސް ވިދާޅުވިއެވެ. ކުރިއަށް ގެންދަން ހުރި ގިނަ މަޝްރޫޢުއުތައްވެސް ގުޅިފައި އޮތީ އެކަމާކަން ފާހަގަކުރައްވައި، މި މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ފެނަކައަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ވަރަށް ގާތުން، ވަރަށް ރަނގަޅަށް، ސީދާ ރައީސް އޮފީހުގެ ފަރާތުން، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައިގެން، މިކަން އަވަސްކުރައްވަން، ވަރަށް ގާތުން މިކަން ބައްލަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ މިއާއެކު ރަމަޟާންމަހުގެ ކުރިއަށް މި މައްސަލަ ހައްލުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޝެއާ

ކޮމެންޓު