ޙަބަރު

ކުށްތައް ކުރިއާލާ ދެނެގަންނާނެ ނިޒާމެއް ގާއިމުކުރަނީ: މިނިސްޓްރީ

އާމިނަތު ރޫޔާ

1 މިނިޓުއަޕްޑޭޓުކުރީ
ކުށްތައް ކުރިއާލާ ދެނެގަންނާނެ ނިޒާމެއް ގާއިމުކުރަނީ: މިނިސްޓްރީ

ކުށްތައް ހިނގުމުގެ ކުރިން އެކަންކަން ދެނެގަނެ، އެފަދަ ޢަމަލުތައް ހުއްޓުވޭނެ ފަދަ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ.

މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ ބަޔާނުގައިވާ ގޮތުން، ކުށްތައް ހިނގުމުގެ ކުރިން އެކަންކަން ދެނެގަނެ، ހުއްޓުވޭނެ ފަދަ ނިޒާމެއް ޤާއިމުކުރެވޭނީ ހޭލުންތެރިކަން އިތުރުކޮށްގެންނެވެ.

އެހެންކަމުން، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން އިތުރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ބިދޭސީން ރާއްޖެއަށް އައުމުގެ ކުރިންނާއި އައުމަށްފަހުވެސް އެމީހުންގެ ޙައްޤުތަކަށް ހޭލުންތެރިކުރުވުމާއި، މައްސަލަ ހުށަހަޅާނެ ގޮތް ސާފުކޮށްދިނުމަކީ ނާޖާއިޒު ފައިދާ ނެގުން މަދުކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް” އެވެ. މިނިސްޓްރީން ބުނީ މި ޝިޢާރުން ދައްކުވައިދެނީ، މީހުން ޓްރެފިކްކުރުމަކީ މީގެ ކުރިން ރާއްޖޭގައި އޮތް ގޮތް ނޫން ކަމާއި، އެއީ ހުއްޓުމެއް ނެތް ގޮތެއްގައި ބަދަލުވަމުންދާ ނުރައްކަލެއް ކަމެވެ.

ހޯމް މިނިސްޓްރީން އިތުރަށް ބުނީ، މަޖުބޫރުކޮށްގެން ކުށްތައް ކުރުވުން ދުނިޔޭގައި ގިނަވަމުންދާއިރު، އޮޅުވާލައިގެން ވަޒީފާދޭނެ ކަމަށް ބުނެ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަމާ ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކުރަން ޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

ހޯމްލޭންޑް މިނިސްޓްރީން ހާމަކުރި ގޮތުގައި، އިންސާނީ ވަގުފާރީގެ ނުރައްކާތެރި ޖަރީމާ ރާއްޖެއިން ފޮހެލުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަސައްކަތެވެ.

ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި 2013 ވަނަ އަހަރު ޚާއްޞަ ޤާނޫނެއް ހަދާފައިވާއިރު، މި ކުށް ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އަދި ދާދިފަހުން ވަޒީފާއާ ބެހޭ ކަންކަމުގެ ބާރުތައް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ‘އޮޕަރޭޝަން ކުރަނގި’ ގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ބޮޑު ކެމްޕޭނެއް ވެސް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާ އަދާކުރަމުންދާއިރު، އެމީހުންގެ އިންސާނީ ޙައްޤުތަކާއި ޤާނޫނީ ރައްކާތެރިކަން ކަށަވަރުކުރުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އަދި އިންސާނީ ވަގުފާރިއާއި މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެ ތެރޭގައި ވަޒީފާއާ ބެހޭ ކަންކަން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއި، ކުރިއަށް އޮތް ތިން އަހަރަށް އަމާޒުކޮށް “އެންޓި-ހިއުމަން ޓްރެފިކް ސްޓްރެޓީޖިކް ޕްލޭން 2026-2028” އެކުލަވައިލުން ހިމެނެއެވެ.

މި ޕްލޭން ތަންފީޛުކޮށް ނިމުމުން، މިހާރު ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުވެ، މުޅި ނިޒާމު ކުރިއަށްވުރެ ހަރުދަނާވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޝެއާ

ކޮމެންޓު