ޙަބަރު

ޒިންމާދާރު ގޮތެއްގައި އޭއައި ތަންފީޒުކުރުމަށް ރާއްޖޭން ގޮވާލައިިފި

މަރިޔަމް ލީން

1 މިނިޓު
ޒިންމާދާރު ގޮތެއްގައި އޭއައި ތަންފީޒުކުރުމަށް ރާއްޖޭން ގޮވާލައިިފި

ޒިންމާދާރު ގޮތެއްގައި ބައިނަލްއަގުވާމީ މައިދާނުގައި އާޓިފިޝަލް އިންޓެލިޖެންސް ތަންފީޒުކުރުމަށް، އދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭން ގޮވާލައިފިއެވެ.

ރާއްޖޭން މިކަމަށް ގޮވާލާފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް އާއި ބައިނަލްއަގުވާމީ ސުލްހަލަމަލަސަސް ކަމާއިގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ހައި ލެވެލް އޯޕަން ޑިބޭޓްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ.

މިިނިސްޓަރު ހަލީލްގެ ތަގުރީރުގައި ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް އަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު ޕްރޮސެސް ކުރުމުގެ ގާބިލްކަން އެންމެ ކުދި ގައުމުތަކަށް ވެސް ފޯރުކޮށްދެވޭނެކަމަށެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި އިގްތިސާދީ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގާބިލްކަން ލިބޭކަން ހަލީލް ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާ ބޮޑުވުމާއި، ސަވައިލެންސް ކުރުމާއި، އަނިޔާވެރިވުމާއި، ހަނގުރާމަތައް އިތުރުވުން ފަދަ ކަންކަމާ މެދު ސަމާލުވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އާޓިފިޝަލް އިންޓެލިޖެންސަކީ އެ ގައުމުތަކުގެ ދެމިއޮތުމާއި ކާމިޔާބީއަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަމަށެވެ.

މިނިސްޓަރު ހަލީލް ވަނީ، އާޓިފިޝަލް އިންޓެލިޖެންސަކީ ސުލްހަވެރިކަމާއި، އަދުލުވެރިކަމާއި، އިންސާނީ ކަރާމާތަށް ބާރުއަޅާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް މެންބަރު ގައުމުތަކަށް ގޮވާލާފައެވެ.

ކޮރެއާގެ އިސްނެގުމުގެ ދަށުން ބޭއްވި މި ބަހުސްގައި، ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންތެރިކަމާއި، އަސަރުތަކާއި، ޒިންމާދާރު ގޮތުގައި ބޭނުންކުރުމުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ.

ޝެއާ

ކޮމެންޓު