ޙަބަރު

ޗާގޯސް މައްސަލައިގަ ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ބަލަން ކޮމިޝަނެއް

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ޗާގޯސް މައްސަލައިގަ ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ބަލަން ކޮމިޝަނެއް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކާ ގުޅޭ މައްސަލައިގަ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ބަލަން ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވީ އެ މައްސަލައިގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ބަނަޑާރަ ނައިބަށް އަންގަވައިގެން ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަން ކުރެވޭ ގޮތް ދިރާސާކުރުމަށްޓަކައި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ތައްޔާރުކުރި ރިޕޯޓާ އެއްގޮތަށް ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކަނޑުގެ ސަރަހައްދު ގެއްލުމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2022 ވަނަ އަހަރު މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީގެ ދައުރު ވަރަށް ބޮޑުކަން ހާމަވެފައިވާ ކަމަށެވެ. އެ ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވަމުން ރައީސް ވަނީ އެގޮތަށް ކަނޑުގެ ސަރަހައްދު ގެއްލުމުގައި އެ ސަރުކާރުން ނިންމި ނިންމުންތައް ބަލައި، ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނަމަ އެކަން ކުރުމަށްޓަކައި “ކޮމިޝަން އޮފް އިންކުއަރީއެއް” އުފެއްދުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާ ފައެވެ.

މީގެއިތުރުން ރާއްޖޭގެ ސަރަހައްދުގެ ކޯޑިނޭޓް ތަކާއި ބޭސްލައިން ކަނޑައެޅުމަށާއި، ސަރަހައްދުތަކާ ބެހޭ އެންމެހާ ކަންތައްތަކާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ އޮފީހެއް ގާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޗާގޯސްގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ކަނޑައެޅީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

މީގެއިތުރުން، މޮރިޝަސް އިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް މައްސަލަ ހުށަހަޅާފަ އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށެވެ. އިޓްލޮސް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ.

ޝެއާ

ކޮމެންޓު