ޙަބަރު

ބޮޑުތަކުރުފާނު މަގު: އެމްޓީސީސީއިން މަގުގެ އެކި ސަރަހައްދުތަކުގައި ރުއް އިންދަން ފަށައިފި

އާމިނަތު ރޫޔާ

1 މިނިޓު
ބޮޑުތަކުރުފާނު މަގު: އެމްޓީސީސީއިން މަގުގެ އެކި ސަރަހައްދުތަކުގައި ރުއް އިންދަން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ފެހިކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، ދިވެހި ރުއް އިންދުމުގެ ބޮޑު މަޝްރޫއެއް އެމްޓީސީސީއިން ފަށައިފިއެވެ.

އެމްޓީސީސީއިން ހާމަކުރިގޮތުގައި މި މަޝްރޫއަކީ ދިވެހިވަންތަކަމުގެ ރަމްޒުތައް ދައްކުވައިދޭ، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވެއްޓެއް މާލޭގައި ގާއިމުކުރުމަށް ފެށި އިސްނެގުމެކެވެ. މިއީ މާލޭގެ އުތުރު ބަނދަރުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ބޮޑުތަކުރުފާނު މަގުގެ ކަނޑައެޅުނު ސަރަހައްދެއް ހަތަރު ލޭނަށް ފުޅާކުރުމުގެ ބިޔަ މަޝްރޫއު އެމްޓީސީސީ އިން އެއްކޮށް ނިންމައި އާންމު ދަތުރުފަތުރަށް މިހާރު ވަނީ ހުޅުވާފައެވެ.

މި މަޝްރޫއުގެ ދަށުން މަގު ފުޅާކުރުމުގެ އިތުރުން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމަށާއި، މަގުމަތީގައި ބޯޓުތަކާއި އުޅަނދުތައް ޕާކުކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަރުތީބުކުރެވިފައިވާ ބޮޑު ޕާކިންގް ޒޯނެއްވެސް ވަނީ ގާއިމުކޮށްފައެވެ. އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު އެ ސަރަހައްދުގެ ދަތުރުފަތުރުގެ ދުވެލި ހަލުވިވެ، އާންމު ވެހިކަލްތަކަށާއި މުދާ އުފުލާ އުޅަނދުތަކަށް ލުއިފަސޭހަކަމާއެކު ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދަނީ އަމީނީ މަގު އެއްކޮށް އަލުން ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެކެވެ.

ޝެއާ

ކޮމެންޓު