ޙަބަރު

އެމްޕީއެލް އިން ސަރުކާރުގެ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކެއް

އާމިނަތު ރޫޔާ

1 މިނިޓުއަޕްޑޭޓުކުރީ
އެމްޕީއެލް އިން ސަރުކާރުގެ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކެއް

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢާ ގުޅޭގޮތުން އެމް.ޕީ.އެލް އިން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތާއި، މުޢައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

“މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގައި މި ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ބޭނުންވާ މުހިއްމު މައުލޫމާތުތައް ހޯދައި އެއާއި އެއްކޮށް ތިލަފުށި ރިލޮކޭޓްކުރުމުގެ މަސައްކަތް ފެށުން. އަދި ވިޔަފާރިތަކަށް ވީހާވެސް ފަސޭހަވާނެގޮތަކަށް ހުރިހާ މުއައްސަސާތަކެއްގެ ވިސްނުމާއި އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކުރުން” ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވިއެވެ.

އެމްޕީއެލް އިން ބުނިގޮތުގައި މި ބައްދަލުވުމުގެ ބޭނުމަކީ ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދުމެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ ޒަމާނީ މަޝްރޫޢު އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ނިންމާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ. މި މަޝްރޫޢުގެ ސަބަބުން މިހާރު ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ލިބި، ރާއްޖޭގެ ވިޔަފާރި ފުޅާވެގެންދާނެއެވެ.

ޝެއާ

ކޮމެންޓު