ADVERTISEMENT

335801_02252838-a_

މުހިންމު ކަންކަން ތަންފީޒުކުރުމުގައި ދޭ އެއްބާރުލުމަށް ރައީސްގެ ޝުކުރު

ރައްޔިތުންނަށް ސީދާގޮތުން ފައިދާވާ ތިން ކަމެއް ތަންފީޒުކުރަން ފެށުމުން، އެކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދިން ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

މިއަދުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވަނީ:

  • 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ކުދިންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން.
  • ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން.
  • .ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން.

ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެނަށާއި  އެއްބާރުލުންދިން ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި، މި ތިން ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ހުރިހާ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

މިއަދު ތަންފީޒުކުރަން ފެށި ކަންކަމުގެ ތެރެއިން ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށުމާއެކު 2007 ގައި އުފަންވި އަދި އޭގެފަހުން އުފަންވާ ދިވެހީން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިއްކުމުގެ އެއްވެސް އަމަލެއް ހިންގުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ އަމަލެއްކުރާނަމަ އެކަމުގައި އަދަބު ދެވޭނެއެވެ.

މީގެއިތުރުން މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން، ކަށި މިޔަރު ބޭނުން ހުއްދަ ކުރުމާއެކު މި މަސްވެރިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ލައިސަންސްކުރުމުގެ އިތުރުން، އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިންގ ޑިވައިސް އެއް ހަރުކުރަންޖެހެ އެވެ. މަސްވެރިކަމުގެ ލައިސަންސް އެންމެ ގިނައިން ދޫކުރެވޭނީ 40 އުޅަނދަށް ކަމަށާއި މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަޙައްދުތަކުގައި ކަމަށްވެސް ގަވާއިދުގައި ކަނޑައަޅާފައިވާނެއެވެ.
މިއަދު ތަންފީޒުކުރަން ފަށާ އަނެއްކަމަކީ، ދައުލަތުގެ އިދާރާތަކުގެ މުސާރަތައް އެއް ހަމަކުރުމުގެ ސިޔާސަތުގެ ދަށުން ތިން ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ނިންމެވި ނިންމުމެވެ. އެގޮތުން ޖުޑިޝަރީއާއި، ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ހުރިހާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. މިމަހުގެ މުސާރަ މިފަރާތްތަކަށް ލިބިގެން ދާނީ އައު ޕޭ ފްރޭމްވޯކްގެ ދަށުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ސެކްޝަން

ADVERTISEMENT