ADVERTISEMENT

marlboro-red-004-1

ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފަށައިފި

ޖެނުއަރީ 1، 2007، ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުން ކުރުން މަނާ ކުރާ ގާނޫނަށް މިއަދުން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމުން މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތް ވިއްކުން މަނާވާނެއެވެ.

މިދިޔަ މެއި މަހު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލެއްގައިވާ ގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. މީގެ ކުރިން ދުންފަތް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް 18 އަހަރުން 21 އަހަރަށް މަތިކުރެވިފައިވީ ނަމަވެސް، މިހާރުގެ އުސޫލުގައި ބުނަނީ 2007 ގައި އުފަންވެފައިވާ ކުއްޖެއްގެ އުމުރުން 21 އަހަރު ފުރުނަސް، ދުންފަތުގެ އެއްވެސް ބާވަތެއް އެކުއްޖާއަށް ވިއްކުން މަނާކަމަށެވެ.

ކަސްޓަމްސްގެ މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖެ އަށް އަހަރަކު އެވްރެޖުކޮށް 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްތަކަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެއެވެ.

ސިއްހަތު ރަނގަޅު، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ ގޮތުން ރާއްޖެއަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ވޭޕާއި، އީ-ސިނގިރޭޓު އެތެރެ ކުރުމާއި ވިއްކުމާއި، ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި 2024ގެ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން މީގެން އެއްޗެއް އެތެރެކޮށް ބޭނުންކޮށްފި ނަމަ ބޮދެތި އަދަދު ތަކުން އެކަމެއް ކުރި މީހަކު ޖޫރިމަނާ ކުރެއެވެ.

މީގެ އިތުރުންވެސް ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް މުހިންމު ކަންކަން މި އިސްލާޙުގެ ތެރެއިން ކަނޑައަޅުއްވާފައިވެއެވެ.
ކޮމެންޓް ސެކްޝަން

ADVERTISEMENT