ADVERTISEMENT

600327110_1325022559661732_7245406756041647208_n

އާ ޓާމިނަލުން ގަތަރު އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލުން ގަތަރުގެ ގައުމީ އެއާލައިން, ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އާ ޓާމިނަލުން ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާޙީމް ޝަރީފު މުހައްމަދާއި ގަތަރު އެއާވޭސްގެ ނެޓްވޯކް ސްޓޭޝަންގެ ނައިބު ރައީސް ޕައުލް ލުސިއަން އާއި ގަތަރު އެއާވޭސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އާ ޓާމިނަލްއިން ގަތަރު އެއާވޭސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އިއްޔެ ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 162 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލްއަށް ކައިރި ކުރި ގަތަރު އެއާވޭސްގެ ފުރަތަމަ ފްލައިޓް, QR674  އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ގަތަރު އެއާވޭސް އަކީ އާ ޓާމިނަލްއިން ހިދުމަތް ދޭން ފެށި ގަތަރުގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2001ގަ އެވެ. ގަތަރު އެއާވޭސް އާއެކު އާ ޓާމިނަލްއިން މިހާރު ދަނީ 37 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT