ADVERTISEMENT

photo_2025-10-15_15-19-50-700x700

ސިނގިރޭޓު މައްސަލާގައި ލޮޓަސް އާއްޓޭ 15 ދުވަހަށް ބަންދު

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލާގައި ރޭ ހައްޔަރުކުރި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

އެ މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ:

  • މއ އެވަރ ގްލޯރީ، އަހްމަދު އާރިފް (ލޮޓަސް އާއްޓޭ)
  • ބ. އޭދަފުށީ، ދިގަލި، މުހައްމަދު ވަހީދު (ދިގަލި)
  • ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ
  • ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް

ފުލުހުން ބުނީ، އެ މީހުންގެ ބަންދާ މެދި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އާރިފްއާއި ޒިވާރު 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. މުހައްމަދު ވަހީދަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މުއާޒަށް ފަސް ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. މި މައްސަލައާ ގުޅޭ އޮޕަރޭޝަނެއް ރޭ ވެސް ކުރިއަށްދިޔަ ކަމަށް ފުލުހުން  ވަނީ މީގެކުރިން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައި ވަނީ 1،360 ކޭސް ސިނގިރޭޓެވެ. 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެއީ 13.6 މިލިއަން ސިނގިރޭޓެވެ. މި ސިނގިރޭޓަށް 122 މިލިއަން ރުފިޔާގެ ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT