ADVERTISEMENT

G3RiG__WwAAj-pM-700x700

މަޖިލީހުގެ މި ދައުރުގައި އަބުރުގެ ގާނޫނެއް ހުށައަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އަބުރުގެ ގާނޫނެއް ހުށައެޅުމަށް މަސައްކަތްކުރަމުންދާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އުޝާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. މެމްބަރު ވިދާޅުވީ، އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިދިން ގަވާއިދުތަކުގެ ތެރެއިން ގަވާއިދަކަށް ނުހެދި މިހާރު އޮތީ އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު ކަމަށެވެ. އެހެންކަމުން އެ ގަވާއިދު ގާނޫނަކަށް ބަދަލުކުރަން ހުށަހެޅޭނީ ކޮން އިރަކުތޯ މެމްބަރު ސުވާލުކުރެއްވި އެވެ.

2008 ވަނަ އަހަރު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިއިރު، އޭރު އަމަލުކުރި ބައެއް ގަވާއިދުތަކަށް ބާރުދޭން ގާނޫނެއް ނެތުމުން އެ ގަވާއިދުތަކަށް ބާރުދޭން އާންމު ގަވާއިދުތަކުގެ ގާނޫނެއް ވަނީ ހަދާފައެވެ. އޭރު އެ ގާނޫނު ފާސްކުރީ ވަކި މުއްދަތެއްގެ ތެރޭގައި އުވޭ ގޮތަށެވެ. ނަމަވެސް ބައެއް ގަވާއިދުތަކަށް ބާރު ދޭނެ ގާނޫނުތައް ނެތުމުގެ ސަބަބުން މަޖިލީހުން އައީ އެ ގާނޫނުގެ މުއްދަތު އިތުރުކުރަމުންނެވެ.

މެމްބަރު ހުސްނީގެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އާންމު ގަވާއިދުތަކުގެ ގާނޫނުން އަބުރުގެ ގަވައިދު އުނިކުރެވޭނީ އަބުރުގެ ގާނޫނެއް އެކުލަވާލެވިގެންކަމަށެވެ.

“އަޅުގަނޑުމެންވެސް ބޭނުމެއް ނުވޭ އާންމު ގަވައިދުތަކާއި ބެހޭ ގާނޫނު އިތުރަށް ކުރިޔަށް ގެންދާކަށް. އެހެންވީމަ މިހާރު މަޖިލީހުން އެންމެ ފަހުން ފާސްކޮށްފަ އޮތް ގޮތުން ވެއްޖެއްޔާ އާންމު ގަވައިދުތަކާއި ބެހޭ ގާނޫނު އުވިގެންދާނެ މިއަންނަ އަހަރުގެ އޭޕްރީލް ހިސާބުގަ. އެހެންވީމަ އޭގެކުރިން އަބުރުގެ ގާނޫނެއް މަޖިލީހުން ފާސްކުރުމަކީ ވަރަށް މުހިންމު ކަމެއް.” އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ އަބުރުގެ ގަވައިދުގެ ބަދަލުގައި އަބުރުގެ ގާނޫނެއް މަޖިލީހަށް ހުށައެޅުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން، މިދައުރުގެ ތެރޭގައި މަޖިލީހަށް ހުށައަޅާ ބިލްތަކުގެ ލިސްޓުގައި ހިމަނައިގެން އެ ގާނޫނު ހުށައެޅުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ، މިދައުރުގެ ތެރޭގައި ހުށަނޭޅިއްޖެ ނަމަ، މިއަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭ މަޖިީހަށް އަބުރުގެ ގާނޫނު ހުށައަޅާނެކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް އަބުރުގެ ގާނޫނެއް ފާސްކުރި އެވެ. އެހެންނަމަވެސް އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގާނޫނު އުވާލެއްވީ އެވެ. އެ ގާނޫނު އުވާލެވުނީ، އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނަށް އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު އަލުން ހިމެނުމަށްފަހު އެވެ. އެހެންވެ މިހާރު އަބުރުގެ މައްސަލަތަކުގައި އަމަލުކުރަނީ އެ ގަވާއިދާ އެއްގޮތް ވާ ގޮތަށެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT