ADVERTISEMENT

1L489Mx3BmVKPjqfGiv6jorzN-400x400

ގައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ: މިނިސްޓަރު އިހުސާން

ގައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ވަނީ، މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

މިސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތް، އދ އާއެކު މަސައްކަތްކޮށް، އިނީޝިއަލް ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ޖަމްއިއްޔާއާއެކު އެކުލަވާލި ޑްރާފްޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކަނި ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއްކަމަށް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާއި ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށް ރިޢާޔަތްކޮށް އެ ޑްރާފްޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި މިހާރު އެމަސައްކަތްތައް ކުރިއަށްދާ ކަމަށާއި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިހުސާން ވިިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ގއުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، އެކަމުގެ ހާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ފަށާފައެވެ. މިއީ ހާލަތު ދެނެގަތުމުގައި، ފަރުވާގެ ނިޒާމު ބައްޓަށްކުރަންވީ ގޮތް ދެނެގަތުމުގައި މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްޓަޑީއެކެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT