ADVERTISEMENT

9f1464e5-cf15-411f-9f30-c0ab37d53cf8

މިރޭގެ މުޒާހަރާގައި ހަމަނުޖެހުން ހިއްގާނެތީ ބައިވެރިނުވާން އިލްތިމާސްކޮށްފި

އިދިކޮޅު އެމްޑީޕީން މިރޭ ބާއްވާ ސިޔާސީ ހަރަކާތުގައި ހަމަނުޖެހުން ހިންގާނެތީ، މުޒާހަރާގައި ބައިވެރިނުވާން އިލްތިމާސްކޮށްފިއެވެ.

މިރޭގެ މުޒާހަރާގައި ކުށްކުރާ ގްރޫޕްތައް ނެރެ، މާލެތެރެ ހަލަބޮލިކުރަން ރާވާފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން އެކަމަށް ސަމާލުވެ، މުޒާހަރާގައި ބައިވެރިނުވުމަށް ސަރުކާރުގެ އިސްވެރިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެމްޑީޕީން ކުރިޔަށް ގެންދާ މުޒާހަރާއަކީ ގޮތް ހުސްވެގެން ގައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލްކުރަން ބާއްވާ ހަރަކާތެއްކަމަށެވެ. މި ސަރުކާރުން ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެކަމަށާއި، ގައުމުގެ އަމާންކަންނަގާލާ މަގުތައް ހަލަބޮލިކޮށް ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ކުޑަވެސް ޖާގައެއް ނުދޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ، އެމްޑީޕީއަކީ ހަމަނުޖެހުން ހިންގުމުގެ މާޒީއެއް އޮތް ޕާޓީއެއްކަމަށެވެ. އެގޮތުން ފުލުހުންނާއި، ސަރުކާރުގެ އިދާރާތަކަށް ގެއްލުން ދިނުމަކީ އެޕާޓީން ކޮށްފައިވާ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިރޭގެ މުޒާހަރާގައިވެސް މިފަދަ ކަންކަން ހިންގާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް، ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ހިނގާލުން ކުރިޔަށް ގެންދިޔުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެއްލިދާނެ ކަންކަންކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެހަރަކާތުގައި، ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ ގޮވާލާފައެވެ. އަދި މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުރުސަތު ނުދޭނެކަމަށް ބުނެފައި ވެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT