މިިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން 2.2 ބިލިއަން ރުފިޔާއަށް ހިޔާނަތްތެރިވިކަން ހާމަކޮށް ނެރުނު އޮޑިޓް ރިޕޯޓާއި ގުޅިގެން، އެކަމުގައި އިހުމާލުވި މުވައްޒަފުންނަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް ފެނަކައިން ބުނެފިއެވެ.
އޮޑިޓް ރިޕޯޓްގައިވާގޮތުން، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމަށް ފެނަކައިން ޖުމްލަ 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި، ކުންފުނީގެ އާންމު އޮޕަރޭޝަންތަަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމަށް ކުރި ހަރަދުގެ އިތުރަށް، އެވަގުތަށް މުހިންމު ނޫން ކެޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގެ ނަމުގައި ޒިންމާދާރުކަމެއްނެތި އާންމު ބީލަމުގެ އުސޫލުތަކުގެ ބޭރުން އަގު ބޮޑުކޮށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންވާނެގެން ކުންފުނީގެ ފައިސާ ހޭދަކުރަމުން ގޮސްފައިވާކަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށެވެ، އެގޮތުން އެކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި އެކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި އިތުރު މޮނިޓަރިން ނިޒާމެއް ގާއިމްކުރާނެކަމަށް އެކުންފުނިން ބުންޏެވެ. ފެނަކައިން ބުނީ، ކުންފުނީގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ އެކަންކަންވެސް ކުރިއަށްދާކަމަށެވެ.
ފެނެކައިން ބުނީ، ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށް، ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާއި މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްް ކަމާގުޅޭ އިދާރާތަކަށް ހުށައަޅާނެކަމަށެވެ.