ރާއްޖޭން މަރުވާ މީހުންގެ 84 އިންސައްތަ މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައިކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ހެލެތް މިނިސްޓްރީން މިހެން ބުނީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނުގަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ، ހިތުގެ ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބަލިކަމަށެވެ. ރާއްޖޭގައިވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ 84 އިންސައްތައަކީ މިފަދަ ބަލިތައް ތަހައްމަލު ކުރާ މީހުންކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ ތެރެއިން މަރުވާ 36 އިންސައްތަ މީހުންނަކީ ހިތުގެ ބަލީގައި މަރުވާ މީހުންކަމަށް ބުނެފައި ވެއެވެ.
ހެލްތް މިނިސްޓްރީން ބުނީ، ގައިންގަޔަށް ނާރާބަލިތަކުގެ ހިރާސްތަކަށް މީހުން ހުށަހެޅިފައިވާގޮތް ދެނެގަތުމަށާއި ބަލި ދުރާލާ ދެނެގަތުމަށް ސްކްރީންކުރުމުގެ އިންތިޒާމުތައް ރަގަޅު ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި ސްކްރީންކޮށް ބަލިދެނެގަތުމަށާއި ބަލި ބޮޑުވަރުވިޔަނުދީ ބެލެހެއްޓުމަށް ބާރުއަޅާ، ބަލި މީހުންނާއި އެމީހުންގެ އާއިލާތަކާއެކު މަސައްކަތްކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ހިންގާ ސިއްހީ ހިދުމަތުގެ ނިޒާމެވެ.
އަތޮޅުތެރޭގައި މި ނިޒާމު ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ޖުލައި 2025 ގެ ނިޔަލަށް ޖުމްލަ 11 އަތޮޅެއްގެ ސިއްހީ ދާއިރާގެ ގިނަ ހިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދީފައި ވެއެވެ. މި އަތޮޅުތަކަކީ ފ، އދ، ނ، ޅ، ތ، މ، ބ، ދ، ރ، ގދ އަދި ފުވައްމުލައް އެވެ.
މިނިސްޓްރީން ބުނީ، ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނުތައް 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަސް ތެރޭގައި ނިންމުމަށް ރާވާފައިވާކަމަށެވެ. އެގޮތަށް މަސައްކަތް ފަށާފައިވާ އަތޮޅުތަކުގައި އުމުރުން 35 އަހަރުން މަތީގެ މީހުން ގައިން ގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށް އެ މައުލޫމާތުތައް ބަލަހައްޓަމުން ގެންދާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
“މި އަތޮޅުތަކުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 24773 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީން ކުރެވިފައިވެއެވެ. މީގެ ތެރޭގައި 4461 ލޭ މައްޗަށް ދާ މީހުން ރިކޯޑް ކުރެވިފައިވެއެވެ. ލޭ މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް މީހުން ހުށައެޅޭ ހިރާސްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.” ހެލެތް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ، ހިތުގެ ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކަށް ހުށައެޅޭ ހިރާސްތައް ދެނެގަނެ ރައްކާތެރިވެތިބުމަށް ބާރު އެޅުމާއި ހިތުގެ ދުޅަހެޔޮކަމަށް މަގުފަހިވާގޮތަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާތައް އަންގައިދީ ހޭލުންތެރިކުރުމަށެވެ.